އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ކުއްޔަށް ދިނުމަށް އިންޑިއާގެ ޖީއެމްއާރާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޓް ( އެމްއޭސީއެލް) އާ އެކު ވެފައިވާ އެއްބަސްވުން އުވާލުމަކީ ގާނޫނީ މައްސަލައެއް ކަމަށާ އެމައްސަލައިގެ ނާޖާއިޒު ފައިދާ ސިޔާސީ ފަރާތްތަކުން ނުނަގާނެ ކަމަށް އުއްމީދުކުރާ ކަމަށް އިންޑިއާސަރުކާރުން ބުނެފި އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ސަލްމާން ޚޫރުޝީދު ވިދާޅުވި ކަމަށް އިންޑިއާގެ ޑެކަން ހެރަލްޑް ނޫހުން ބުނީ ޖީއެމްއާރާ އެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުން އުވާލުމަކީ އޭގެ ޒާތުގައި ގާނޫނީ މައްސަލައެއް ކަމަށެވެ. އަދި އެކަމާ ނުބެހޭ ރާއްޖޭގެ ގްރޫޕްތަކުން އެ މައްސަލަ ނާޖާއިޒު ގޮތުގައި ބޭނުންކޮށް ދެ ގައުމުގެ ގުޅުން ގޯސްކުރަން މަސައްކަތް ނުކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

"އަހަރެމެން ދެބައިމީހުން ވެސް ނުލާހިކު ބޮޑަށް އަގުވަޒަން ކުރާ، ދެ ގައުމުގެ ގުޅުމަށް އަސަރުކުރާ ގޮތަށް ކުދި ކުދި ސިޔާސީ ގްރޫޕްތަކުން މި މައްސަލަ ބޭނުން ނުކުރާނެ ކަމަށް، އަދި ބޭނުން ކުރިޔަ ނުދޭނެ ކަމަށް އުއްމީދުކުރަން،" ޚޫރުޝީދު ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.

އޭނާ އަދި ވިދާޅުވެފައި ވަނީ އެކަން މިހާރު ކުރިއަށް ދަނީ އިމުގެ ތެރޭގައި ކަމަށް ވާތީ އުފާކުރައްވާ ކަމަށާއި އެ މައްސަލައިގެ ނާޖާއިޒު ފައިދާ ނުނަގާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު އަބުދުއްސަމަދު ޢަބަދުﷲ އާއި އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ސަލްމާން ހޫރު ޝީދު މިދިޔަ ހަފުތާގައި ފޯނުން މަޝްވަރާ ކުރެއްވި ކަމަށާއި ޖީއެމްއާރު މައްސަލައިގާ ކުރިއަށް ދާންޖެހޭ ގާނޫނީ ކަންތައް ފުރިހަމަވުމަށް ފުރުސަތު ދޭން ޖެހޭނެ ކަމަށް ހޫރުޝީދު ވިދާޅުވި ކަމަށް ވެސް ޑެކަން ހެރަލްޑްގައިވެ އެވެ.

ޖީއެމްއާރާ އެކު ވެފައިވާ އެއްބަސްވުން އުވާލައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާ ހަވާލު ކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ.