ކައިވެންޏާ ބެހޭ ސުވާލެއް ކުރެވިއްޖެ ނަމަ އެ ސުވާލަކަށް ޖަވާބު ނުދީ، ވާހަކަ އަނބުރައިލުމަކީ ބޮލީވުޑުގެ މަޝްހޫރު ފިލްމީ ތަރި އަދި ހަމަ އެހެންމެ މޮޑެލް ކުރާ މީހުންގެ މަޖައްލާތަކުން ހޮވި އެންމެ ފިރިހެންވަންތަ ފިރިހެނާގެ މަގާމު ލިބިފައިވާ ޖޯން އަބްރަހަމްގެ އާދައެކެވެ.

ނޫސްވެރީން ޖޯން އަބްރަހަމަށް އެންމެ ގިނައިން އަމާޒުކުރާ އެއް ސުވާލަކީ، "މީހަކު ކައިވެނިކުރާ އުމުރަށް އަޅައިގަތުމަށް ފަހު، އޭނާގެ ކިބައިގައި ކައިވެނިކޮށްގެން ދިރިއުޅުމުގެ ގާބިލުކަން ހުރުމާ އެކު ވެސް ކައިވެނި ނުކޮށް ހުރެއްޖެ ނަމަ، އޭގެ ސަބަބަކަށް ވާނީ ކޮން ކަމެއް ހޭ؟" މި ސުވާލެވެ.

އާންމު ސުވާލެއްގެ ގޮތުގައި ކުރެވުނަސް މިއީ ޖޯންގެ ޒާތީ ފިކުރު ދެނެގަތުމުގެ ގޮތުން ކުރެވޭ ސުވާލެކެވެ. އެހެން ކަމުން މިފަދަ ސުވާލުތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި ޖޯން ބަލަނީ އަބަދުވެސް މިފަދަ ސުވާލުތަކުން ރެކި ގަނެވޭތޯއެވެ. އެހެންނަމަވެސް ބޮންބޭގެ ނޫސްވެރީން ވަނީ ދާދި ފަހުން ޖޯން އަބްރަހަމްގެ ކިބައިން މި ސުވާލަށް ވެސް އަދި ކައިވެންޏާ ގުޅޭ އެހެން ބައެއް ސުވާލުތަކަށް ވެސް ޖަވާބު ހޯދައިފައެވެ. މި ގޮތުން މިހާރު ކޮންމެވެސް ވަރަކަށް ޖޯން ކައިވެންޏަކާ ދޭތެރޭ ވިސްނަމުންދާކަން ވަނީ ހާމަކޮށްފައެވެ. އަދި މީގެ ސަބަބަކީ ޖޯންގެ މަންމަ އާއި ބައްޕަ، ކާފަ ދަރިއަކު ބޭނުންވެގެން އުޅުން ކަމަށް ވެސް ވަނީ ބުނެފައެވެ. ހަމަ މިއާ އެކުވެސް ބައެއް ސުވާލުތަކަށް ޖަވާބު ދިނުމުގައި ޖޯން ވަނީ ކުރީގައި ވެސް ހަދާ ހެން މަތުލަބަށް ޖަވާބު ދިނުމުގެ ބަދަލުގައި ލަފުޒުގައި ހިފައިގެން ޖަވާބު ދިނުމުގެ އާދަ ތަކުރާރު ކޮށްފައެވެ.

މި ގޮތުން ނޫސްވެރިޔަކު، "ޖޯންގެ ގެ އާބާދުކުރާކަށް ނޫޅެންހޭ؟" ސުވާލު ކުރުމުން ޖޯން ދިން ޖަވާބުގައި ބުނީ، "ތި ސުވާލު ކުރަނީ ގެއާ ބެހޭ ގޮތުން ދޯ؟ ގެ އާބާދު ކުރުމުގެ ވާހަކަ. އެހެންނު؟ މީހުން ހެދުން ފިހާރަތަކަށް ވަދެ، ގަންނާނެ ހެދުމެއް ހޯދާ ފަދައިން އަހަރެން އަބަދު ވެސް ވިއްކާ ރަނގަޅު ގެއެއް ފެނޭތޯ ބަލަން. ރަނގަޅު ގެއެއް ފެނިއްޖެ ނަމަ ގަންނަން. އެ ގެއަށް ވުރެ ރަނގަޅު ގެއެއް ފެނުމުން ކުރީގެ ގެ ވިއްކައިލައިފައި ފަހުން ރަނގަޅު ވި ގެ ގަންނަނީ. އިންވެސްޓް ކުރުމަކީ އަހަރެންގެ ދިރިއުޅުމުގެ ވަރަށް މުހިންމު ބައެއް. އެންމެ ފުރަތަމައަށް ލިބުނު އާމްދަނީން ވެސް އަހަރެން ފައިސާ ރައްކާކުރިން، އަދި ހަރުމުދަލެއް ގަނެވޭ ވަރަށް ފައިސާ ޖަމާވުމުން އަހަރެން މިދަނީ ކަރުދާހުގެ ނޫޓުތައް، ބިމާއި އިމާރާތްތަކާއި ރަނާއި ރިހި ފަދަ ހަރުމުދަލަށް ބަދަލުކުރަމުން. ބޭންކުގައި ކަރުދާހުގެ ނޫޓުތައް ބަހައްޓައިގެން ހުރުމަކީ އަހަރެން ގަބޫލުކުރާ ކަމެއް ނޫން. ކަރުދާހުގެ ނޫޓުގެ އަގު ގިނަ ފަހަރަށް ދަނީ ދުވަހުން ދުވަހަށް ދަށަށް. އެކަމަކު ހަރުމުދަލުގެ އަގު އަބަދުވެސް ދަނީ އަދި ދާނީ މަތިވަމުން. ވީމާ އަހަރެން މިދަނީ އަބަދުވެސް އާބާދު ކުރަމުން." ކަމަށެވެ.

2002 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާ ހަމަޔަށް ޖޯން އުޅުނީ ބޮލީވުޑުގެ ތަރި ބިޕާޝާ ބާސޫއާ ރައްޓެހިވެގެންނެވެ. ބިޕާޝާ ދޫކޮށްލުމަށް ފަހު މިހާރު ޖޯން ރައްޓެހިވެގެން އުޅެނީ ޕްރިޔާ ރަންޗަލްއާއެވެ.