ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ މިނިވަން މުއައްސަސާތަކުން ތަހުގީގު ކުރަމުންދާ މައްސަލަތަކަށް ހުރަސް އެޅުމަށް ސަރުކާރުން މަސައްކަތް ނުކުރާނެ ކަމަށް ނައިބު ރައީސް މުހައްމަދު ވަހީދުއްދީން ވިދާޅުވެއްޖެ އެވެ.

ނައިބް ރައީސް މިހެން ވިދާޅުވީ ބައިނަލް އަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ދުވަސް ފާހަގަ ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ ފަރާތުން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ނެވެ.

ނައިބް ރައީސް ވިދާޅުވީ މިނިވަން މުއައްސަސާތަކުން ތަހުގީގު ކުރަންޖެހޭ މައްސަލަތައް އެ މުއައްސަސާތަކުން ބަލަމުން ގެންދާނެ ކަމަށާއި އެފަދަ މުއައްސަސާތަކުން ބަލަމުންގެންދާ މައްސަލައެއް ފޮރުވުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށެވެ. އަދި ކޮންމެ މީހަކީ ވެސް ގާނޫނުގެ ކުރިމަތީގައި ހަމަހަމަ ބައެއް ކަމަށާއި ސަރުކާރުގެ ކޯލިޝަންގައި ތިއްބެވި ޕާޓީގެ މެންބަރަކު ގާނޫނުގެ ކުރިމަތީގައި ތަފާތު ކުރުމެއް ނޯންނާނެ ކަމަށް ވެސް ވަހީދުއްދީން ވިދާޅުވި އެވެ.

"މިއަދުގެ މި ސަރުކާރުން މިއިން އެއްވެސް ކަމެއް ފޮރުވުމަށް އަޅުގަނޑުމެން މަސައްކަތެއް ނުކުރާނަމޭ. އެއީ އަޅުގަނޑުމެންގެ ކޯލިޝަންގައި ތިއްބެވި މެންބަރެއް ކަމަށް ވިޔަސް ގާނޫނުގެ ކުރިމަތީގައި އެންމެން ނަކީ ހަމަހަމަ ބައެއް ކަން އަޅުގަނޑުމެން ގަބޫލު ކުރަންޖެހޭ،" ނައިބް ރައީސް ވިދާޅުވި އެވެ.

އިންސާނީ ހައްގުތަކަށް އަލިއަޅުވާލައްވައި ނައިބް ރައީސް ވިދާޅުވީ އަނެކާގެ ހައްގު ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށާއި ނަމަވެސް އަބަދުވެސް އަޅުގަނޑުމެންނަށް އަޑުއިވެނީ އަމިއްލަ ބޭނުމާ އަމިއްލަ އެދުމާ އަމިއްލަ ތަރައްގީގެ ވާހަކަ ކަމުގައި ވިދާޅުވި އެވެ. އަދި މިކަމަކީ ކޮންމެ އިރެއްގައި އޮންނަ ސަރުކާރަކުންނާއި ރައްޔިތުންގެ މަޖިލީހުން ވެސް ސަމާލުކަން ދޭންޖެހޭ ކަމެއް ކަމަށް ވެސް ނާއިބް ރައީސް ވިދާޅުވި އެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރާއި މިއަހަރު ގާތްގަނޑަކަށް 60 ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށާއި މި ދިޔަ އަހަރާއި މިއަހަރު ގާތްގަނޑަކަށް 100 ވަރަކަށް އަންހެނުނަށް ގެވެށި އަނިޔާ ކުރެވިފައިވާކަން ވެސް ހިސާބުތަކުން ދައްކާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. ނަމަވެސް އެ އަދަދުތަކަކީ އެއީ ހަގީގީ އަދަދުތަކެއް ނޫންކަމަށް ވެސް ނާއިބް ރައީސް ވިދާޅުވި އެވެ.

ޖިންސީ އަނިޔާ ލިބޭ ކުޑަކުދިންނާއި ގެވެށި އަނިޔާ ލިބޭ އަންހެނުން އެކަމާ ލަދުން އެފަދަ ވާހަކަތައް ސިއްރު ކުރަމުން ގެންދާ ކަމަށް އިޝާރާތް ކުރައްވައި ނައިބް ރައީސް ވަނީ ލަދުން ނުތިބެ ކެރިގެން ނުކުމެ އެއަނިޔާތަކުގެ ވާހަކަ ދެއްކުމަށް އެފަދަ ފަރާތްތަކަށް ގޮވާލައްވާފަ އެވެ.

"ދެހާސް އެގާރަ އަދި 2012 ވަނަ އަހަރަށް ބަލާއިރު އަހަރެއްގައި ގާގްގަނޑަކަށް 60 ވަރަކަށް ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވޭ. 2011 އަދި 2012 އަށް ބަލާލާއިރު ގާތްގަނޑަކަށް 100 ވަރަކަށް އަންހެނުންނަށް ގެވެށި އަނިޔާ ކުރެވިފައިވޭ މި ދެ އަދަދަކީ ހަނދުމަފުޅު ބަހައްޓަވާތި ހަގީގީ އަދަދަކަށް ނުވާނެ. ލަދުގަންނާތީ މީހުން ގަބޫލު ނުކުރާތީ އަދި މިނޫންވެސް ސަބަބުތަކަށްޓަކައި ސިއްރު ކުރެވޭ. މިފަދަ ފަރާތްތަކަށް އަޅުގަނޑު ދަންނަވާނީ ކެރިވަޑައިގެން ނުކުންނަވާށޭ. އެވާހަކަ ވިދާޅުވާށޭ. ލަދުފުޅު ނުގަންނަވާށޭ. އެއީ މުޖުތަމައުގައިު މިފަދަ ކަންތައް ތަކުރާރު ނުކުރުމަށް،" ނާއިބް ރައީސް ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ހިއުމަންރައިޓްސް ކޮމިޝަންގެ މަސައްކަތާ ގުޅޭ ވީޑިއޯ ރިޕޯޓެއް ވެސް ދައްކާފައި ވެއެވެ. އަދި ކޮމިޝަންގެ ރައީސް މަރިޔަމް އަޒުރާ އަހުމަދު ވެސް ވާހަކަދައްކަވާފައި ވެއެވެ.