ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ ގާނޫނާއި އެއްގޮތަށް އުފެދިފަައިވާ ކޯޓެއްކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވަނިކޮށް ހުޅުމާލޭގައި މެޖިސްޓްރޭޓް ކޯޓެއް ނުހެދޭ ގޮތަށް ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދެވެ.

ކޯޓުތަކާ ބެހޭ ގާނޫނަށް ނަޝީދު ހުށަހެޅުއްވި އިސްލާހުގައި ބުނަނީ އެ އިސްލާހު މަޖިލީހުން ފާސްވެ ރައީސުލްޖުމްހޫރިއްޔާ ތަސްދީގޮށް އެއަށް އަމަލު ކުރަން ފަށާ ދުވަހުން ފެށިގެން މާލޭގައި ތިރީ ގިންތީގެ އެއްވެސް ދަށު ކޯޓެއް ހިންގަމުން ދާނަމަ އެހިނދުން ފެށިގެން އެ ކޯޓެއް އުވޭނެ ކަމަށެވެ. އަދި އެ ކޯޓެއްގައި ނުނިމި ހުރި މައްސަލަތައް މާލޭގައި ހުރި ސްޕީރިއާ ކޯޓުތަކުގެ ތެރެއިން އެ މައްސަލަތަކުގެ އިހުތިސޯސް ލިބިގެންވާ ކޯޓުތަކަށް ބަދަލުވެގެން ދާނެ ކަމަށް ވެސް އެ އިސްލާހުގައި ވެއެވެ.

އެ އިސްލާހުގައި ވާގޮތުން މާލޭގައި ހުންނަ މެޖިސްޓްރޭޓް ކޯޓު އުވުމާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތިން އެ ކޯޓުގައި ތިބޭ ފަނޑިޔާރުން ތިރީ ގިންތީގެ ކޯޓަކަށް ބަދަލުކުރެވޭނެ އެވެ. އަދި އެ ކޯޓެއްގެ މުވައްޒަފުންނާއި މުދަލާއި ފައިސާ އަދި ތަކެއްޗާ މެދު އަމަލު ކުރުމަށް ކަނޑައެޅިފައިވާ އުސޫލުގެ މަތިން ގޮތެއް ކަނޑައަޅާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަމަށް ވެސް އެ އިސްލާހުގައި ވެއެވެ.

މަޖިލީހުން މި އިސްލާހު ފާސްވެ އަމަލު ކުރަން ފަށައިފިނަމަ ހުޅުމާލޭ ކޯޓުގައި އޮތް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ބަދަލުވާނީ ކްރިމިނަލް ކޯޓަށެވެ.