ވިއްސާރަ މޫސުމުގައި ފެންބޮޑުވުމުގެ މައްސަލަ ކުރިމަތިވާ ރަށްރަށަށް "ދާއިމީ ޙައްލެއް" ހޯއްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ  އެވެ.


އާދަވެގެން ކޮންމެ ހުކުރު ދުވަހަކު ރައީސް ނަޝީދު ދެއްވާ ރޭޑިއޯ ޚިތާބުގައި، ރާއްޖޭގެ އެކިހިސާބުތަކަށް މިދިޔަ ހަފްތާގައި ކުރި ވިއްސާރައިގައި، އައްޑު އަތޮޅަށާއި ތިނަދުއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވެ، ވަރަށް ގިނަ ގެއްލުންތަކެއް ލިބިފައިވާތީ، އެކަމުގެ މައްޗަށް ބައްލަވާލައްވަމުން ރައީސް ވިދާޅުވީ، ދިގު މުއްދަތަށް ރާވައިގެން، އެ ރަށްރަށުގައި ފެން ހިންދުމުގެ ނިޒާމާއި ޑްރެނޭޖް ސިސްޓަމެއް ދެމެހެއްޓެނިވި ގޮތެއްގައި ޤާއިމް ނުކުރެވިއްޖެ ނަމަ، ކޮންމެ ވިއްސާރަ މޫސުމެއްގައި ފެންބޮޑުވުމުގެ މައްސަލަ ކުރިމަތިވާނެ ކަމަށެވެ.  މީގެ އިތުރުން، ފަރެސްމާތޮޑާ އާއި އައްޑު އަތޮޅު ހިތަދޫގައި ވެސް ފެންބޮޑުވުމުގެ މައްސަލަ ދިމާވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.


އެހެންކަމުން، އެ މަނިކުފާނިގެ އަމާޒަކީ، އެފަދަ ރަށްރަށް ފާހަގަކުރައްވައިގެން، އެ ކަންކަމަށް ދާއިމީ ޙައްލެއް ހޯއްދެވުން ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން އެފަދަ ރަށްރަށް ޚާއްޞަކޮށް އަންނަ އަހަރުގެ ބަޖެޓްގައި ފާހަގަކުރައްވައިގެން އެ ރަށްރަށަށް ދާއިމީ ހައްލައް ހޯއްދެވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.


ރައީސްގެ ވާހަކަފުޅުގައި، ފެންބޮޑުވުމުން މެދުވެރިވެފައިވާ ތަކުލީފުތައް ލުއިކޮށްދިނުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި، ސަދަން ޔުޓިލިޓީޒާއި، އަދި ވަކިން ޚާއްޞަކޮށް، އެމްއެންޑީއެފް އިން ކުރަމުން ގެންދާ ބުރަ މަސައްކަތްތައް ފާހަގަކުރައްވައި އެ ފަރާތްތަކަށް ޝުކުރު އަދާކުރެއްވި އެވެ.  


މިދިޔަ ހަފްތާ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ވަނީ ވަރަށް ބޮޑަށް ވިއްސާރަކޮށްފައި، އޭގެ ތެރެއިން އެންމެ ބޯކޮށް ވާރޭވެހުނު އައްޑު އަތޮޅުގެ ފޭދޫ އާއި މަރަދޫ އާއި މަރަދޫ ފޭދުގައި ދެ ފޫޓަށް ވަނީ ފެންބޮޑުވެފަ އެވެ. އަދި ޖުމްލަ 130 އަށް ވުރެ ގިނަ ގެތަކަށް ފެން ވަދެ، މީހުންގެ ގެދޮރާއި މުދަލަށް ވަނީ ބޮޑެތި ގެއްލުންވެފަ އެވެ. އަދި ފިހާރަތަކާއި ގުދަންތަކުގައި ރައްކާކޮށްފައި ހުރި އެތަކެއް މުދާތައް ހަލާކުވެ، ބޮޑެތި ވިޔަފާރިވެރިންނަށް ވެސް ވަނީ ބޮޑެތި ގެއްލުންމާ ކުރިމަތިލާންޖެހިފަ އެވެ.


އައްޑު އަތޮޅުގައި ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުން މިލިއަނަށްވުރެ މައްޗަށް އަރާނެ ކަމަށް ޕްރޮވިންސް އޮފީހުން ބުނެ އެވެ. އެހެންނަމަވެސް، ގެއްލުން ލިބުނު ފަރާތްތަކަށް މާލީ އެހީތެރިކަމެއް ދޭ ގޮތަށް އަދި ހަމަޖެހިފައިނުވާ ކަމަށް ވެސް އެ އޮފީހުން ބުނެ އެވެ.