11 Dec 2012, 01:24
މަހިންދަ ރާޖަޕަކްސާ އިންޓަނޭޝަނަލް ފުޓްބޯޅަ ޓޯނަމަންޓު 2012 ގެ ޗެމްޕިއަންކަން ހޯދި ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމު މިރޭ މާލެ އައުމުން، ދިވެހި ސަޕޯޓަރުން ހޫނު މަރުކަބާއެއް ކިޔައިފި އެވެ.
ސްރީލަންކާގެ ނާވަލަޕިޓިޔާ ޖަޔަތިލަކަ ސްޓޭޑިއަމް ގައި އިއްޔެ ކުޅުނު ފައިނަލް މެޗުގައި ޕާކިސްތާނުގެ 23 އަހަރުން ދަށުގެ ގައުމީ ޓީމު ދޭއް އެކަކުން ބަލިކޮށް މަހިންދަ ރާޖަޕަކްސާ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ދިވެހި ޒުވާން ޓީމަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު ވަހީދު ހަސަން މަނިކާއި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ހުސައިން އެވެ. ގައުމީ ޓީމަށް މަރުހަބާ ދެންނެވުމުމަށް ބައެއް ވަޒީރުންނާއި މަޖިލީހުގެ މެންބަރުންނާއި ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިން އެއާޕޯޓަށް ވަޑައިގެން ޒުވާން ގައުމީ ޓީމް، މުބާރާތުގައި ދެއްކި ކުޅުމަށް ހިތްވަރުދެއްވި އެވެ.
ދިވެހި ޒުވާން ޓީމު ރަން މެޑައްޔާ އެކު މުބާރާތުގެ ތަށި ހިފައިގެން މާލެ އައި އިރު ޓީމަށް މަރުހަބާ ކިޔުމަށްޓަކައި ގިނަ އަދަދެއްގެ ރައްޔިތުން ޖުމްހޫރީ މައިދާނަށް އެއްވި އެވެ. ރަތް ކުލައިގެ ހެދުމުންގައި ތިބި ކުދި ބޮޑު ގިނަ ބަޔަކު ގައުމީ ޓީމަށް މަރުހަބާކިޔާފައި ވަނީ އެކި ޝުއޫރުތަށް ފާޅު ކުރަމުންނެވެ.
ތޭވީސް އަހަރުން ދަށުގެ ގައުމީ ފުޓް ބޯޅަ ޓީމު މާލެ އައުމުން ޓީމުގެ ޝަރަފުގައި ލޮރީބުރެ ވެސް މިރޭ ވަނީ ބާއްވާފަ އެވެ. ޓީމުގެ ކުޅުންތެރިންނާއި އެކު ޖުމްހޫރީ މައިދާނުން ފެށި ލޮރީބުރު އަމީރު އަހުމަދު މަގުން ގޮސް ސޯސަން މަގުން ލާފައި ގޮސް މަޖީދީ މަގަށް އެޅުމަށް ފަހު ލޮރީ ބުރު ނިންމާލީ ސޯޝަލް ސެންޓަރަށެވެ. އޭރުވެސް ގިނަ އަދަދެއްގެ ރައްޔިތުން މަގުތަކުގެ އެކި ހިސާބުން ދިވެހި ޒުވާން "ފަހުލަވާނުން"ނަށް މަރުހަބާ ކިޔައި ޝުކުރުގެ އަޑުތަށް އުފުލަމުން ދިޔަ އެވެ.
މަހިންދަ ރާޖަޕަކްސާ އިންޓަނޭޝަނަލް ފުޓްބޯޅަ ޓްރޮފީ އަކީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފިޔަވައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަކަށް ކާމިޔާބު ކުރެވުނު ފުރަތަމަ ތަށްޓެވެ. މުބާރާތުގެ ޓްރޮފީއާއި އެކު ރާއްޖޭގެ ޓީމަށް ވަނީ އިނާމުގެ ގޮތުގައި 15000 ޑޮލަރު ލިބިފަ އެވެ.