10 Dec 2012, 20:35
ޑރ. އަފްރާާޝީމް އަލީ އަނިޔާވެރި ގޮތަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ ހ. ލޮބީ ހުސެއިން ހުމާމް އަހުމަދާއި ހ. ހިކޯސްޓް އަލީ ޝާންގެ މައްޗަށް ދައުވާ ކުރަން ޕީޖީ އަށް ފޮނުވީ މިއަދު މެންދުރު ފަހުގެ ވަގުތެއްގަ އެވެ.
އެންމެ ފަހުން ބޭއްވި ނިވްސް ކޮންފަރެންސްގައި ކޮމިޝަނަރު ރިޔާޒު ވިދާޅުވެފައި ވަނީ ހުމާމާއި ޝާންއާ އެކު 18 އަހަރުގެ ކުއްޖަކު އެކަމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށާއި އެ ދެ މީހުން އެ އަމަލު ހިންގިކަން ތަހުގީގަށް ސާބިތުވާރަށް ހެކި ލިބިފައިވާ ކަމަށެވެ. އަދި އެ ދެ މީހުންގެ ތެރެއިން އެންމެ ފުރަތަމަ ހައްޔަރު ކުރީ ހުމާމް ކަމަށާއި އޭނާ ހައްޔަރުކޮށްފައި ވަނީ އަފްރާޝީމް އަވަހާރަކޮށްލި ރޭ 1:55 އެހާ ކަންހާއިރު ހެންވޭރު ކޮޅުގައި ހުއްޓާ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.
ކޮމިޝަނަރު ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލުމުގެ އަޑީގައި ވަނީ ސިޔާސީ ބައެއްގެ އަތެއް ކަމަށާއި އެކަން ކޮށްފައި ވަނީ 4،000،000ރ. ރުފިޔާ ބަޔަކަށް ހުށަހަޅައިގެން ކަމަށެވެ.
އަފްރާޝީމް މަރާލުމަށް ރާވައި އެކަމަށް ފައިސާ ހޭދަކުރި ކަމަށް ތުހުމަތު ކުރެވޭ ދެމީހަކު މިމަހުގެ ކުރީކޮޅު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް އެމީހުންނާ ބެހޭ މައުލޫމާތެއް ފުލުހުން އަދި އާންމެއް ނުކުރެއެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކީ ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކުގެ ދަނބިދަރިފުޅު އަބްދުﷲ ޖާވިދު އެވެ.