10 Dec 2012, 19:11
ހިތްވަރު ބޯޓުން ދަތުރުކުރި މީހުން މިރޭ 6:15ގައި ރާއްޖޭގެ ކޯސްޓް ގާޑަށް ނަގައިފި އެވެ.
އެމްއެންޑީއެފްގެ ސްޕޯކްސް ޕާސަން ކާނަލް އަބްދުއްރަހީމް އަބްދުއްލަތީފު ދެންމެ ސަން އަށް ވިދާޅުވީ ރާއްޖެ އާ 370 މޭލު ބޭރުގައި އޮތް ލަންކާގެ މަސްބޯޓުން ރާއްޖޭގެ ކޯސްޓް ގާޑަށް އަށް މީހުން ވެސް ނަގާފައިވާ ކަމަށާއި ނެގި އިރު އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އަދި އެ މީހުން މިހާރު ތިބީ މެޑިކަލް ޓީމުގެ ބެލުމުގެ ދަށުގައި އަރާމު ކުރަން އެޑްމިޓް ކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަބްދުއްރަހީމް ވިދާޅުވީ ކޯސްޓް ގާޑަށް އެ މީހުން ނެގުމާ އެކު ކެއުމާއި އަންނައުނު ވެސް މިހާރު ފޯރު ކޮށްދީފައިވާ ކަމަށެވެ.
"އަޅުގަނޑު މެންނަށް އެތަނަށް ދެވުނީ މިރޭ 6:15ގައި. މިހާރު އަށް މީހުން ވެސް ކޯސްޓްގާޑަށް ނަގައިފިން. އެންމެންގެ ހާލުވެސް ރަނގަޅު. މިހާރު އެމީހުން ތިބީ އަރާމު ކުރަން ބައިތިއްބާފައި. އެމީހުންނަށް ކެއުމާއި އަންނައުނު ވެސް ފޯރު ކޮށްދީފިން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުޑަ އިރުކޮޅެއްގެ ތެރޭގައި ރާއްޖެ އަންނަން ފުރާނެ ކަމަށެވެ. ނަމަވެސް މާލެ އަންނަން ވަގުތު ނޭނގޭ ކަމަށް ވެސް ވިދާޅުވި އެވެ.
ހިތްވަރު އަޑިއަށް ދިޔަ ހާދިސާގައި ސަލާމަތްވި ދިވެހިންނަކީ 11 އަހަރުގެ، ސ. ހިތަދޫ ކާފޫރުތޮޅިގޭ އަލީ އަމީޒު އާއި ބޯޓުގެ ކެޕްޓަން ހަމައެގޭ އަބްދުﷲ ނަސްރު، 22، އާއި އެ ރަށު ވައިލެޓްފެހި މުހައްމަދު ޝިހާމް ހަބީބު، 25، އާއި މަންޒިލްގޭ މުހައްމަދު ޝަހީމް، 24، އާއި މަރަދޫފޭދޫ ލަކްޝަނީވިލާ ހަސަން ހަލީލް، 42، އެވެ. އެ ބޯޓުން ދަތުރު ކުރި ދ. ރަތަފަންދޫ ސޯސަންވިލާ، ހަސަން ފުތާ، 76، އާއި ބަނގުލާދޭޝް މީހަކު ވަނީ މަރުވެފަ އެވެ.
ހިތްވަރު ބޯޓުގެ ކެޕްޓަނާ ހަވާލާދީ އެމްއެންޑީއެފުން ބުނީ އެ ހާދިސާގައި މަރުވި ހަސަންފުތާ އާއި ބަނގުލާދޭޝް މީހާ މަރުވުމުން ކަނޑަށްދޫކޮށްލައިފައިވާ ކަމަށް ކެޕްޓަން ބުނާ ކަމަށެވެ. އަދި އެ ދެ މީހުން މަރުވީ ބޯޓު އަޑިއަށް ދިއުމުން ޑިންގީގައި ތިއްބައި ކަމަށް ވެސް ކެޕްޓަން ބުނާ ކަމަށެވެ.