ރާއްޖޭގެ އިންސާނީ ހައްގުތާ ގުޅޭ ގޮތުން ބޭރުގެ އެއްވެސް ގައުމަކުން "އެއްވެސް މިންވަރަކަށް"ކަންބޮޑުވުން ފާޅުނުކުރާ ކަމަށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގައި ފާހަގަކުރާ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ދުވަހުގެ މުނާސަބަތުގައި މިއަދު މެންދުރު ފަހު ފޮރިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދުންޔާ ވިދާޅުވީ އިންސާނީ ހައްގުތަކަށް ރާއްޖެ އިން ހުރުމަތްތެރިކޮށް ނުހިތާ ކަމަށް ރާއްޖޭގެ ސިޔާސީ ބައެއް ފަރާތުން ވާހަކަ ދެއްކި ނަމަވެސް އެކަން ބޭރު ގައުމުތަކުން ބަލައި ނުގަންނަ ކަމަށެވެ.

"ބައެއް ފަރާތްތަކުން ވަރަށް ބޮޑަށް ފަތުރަމުންދާ ވާހަކަތަކެއް އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ނުހިތައޭ މި ސަރުކާރަކުން، ނުވަތަ އަޅުގަނޑުމެންގެ މަސައްކަތްތައް ހުރީ އެގޮތަކަށް ނޫނޭ. އަދި [އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތާ ކަމަކަށް] ބައިނަލް އަގުވާމީ މުޖުތަމައުއަކުން ވެސް ބަލައެއް ނުގަނޭ. މިއާ ސީދާ އިދިކޮޅަށް ހަގީގަތް [އޮތީ]،" ދުންޔާ ވިދާޅުވި އެވެ.

ހައްގުތައް ހޯދުމުގެ ނަމުގައި ވަރަށް ގިނަ ފަރާތްތަކުން ވާހަކަ ދައްކަމުން އަންނަ ކަމަށާއި އަދި ބައެއް ފަރާތްތަކުން އިންސާނީ ހައްގުތަކުގެ މާނަ އޮޅުވާލައިގެން ވާހަކަ ދައްކަމުން އަންނަ ކަމަށް ދުންޔާ ވިދާޅުވި އެވެ.

"ހައްގުތަކޭ ކިޔައިގެން ސިޔާސީ ބޭނުމެއްގައި ވެސް ވަރަށް ގިނައިން ވާހަކަ ދެއްކެވޭ. ދެ ހާސް އަށް ވަނަ އަހަރުގެ އިންތިހާބާ ހިސާބުން ވެސް އިންސާނީ ހައްގުތައް މުޅިން ބެލެވިފައި އޮތީ ޖަލުތަކުގެ ނުވަތަ ކުށްވެރިންގެ ހައްގުތަކުގެ ގޮތުގައި. އެކަމު އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ މީ އެކަންޏެއް ނޫނޭ، އިންސާނީ ހައްގުތަކުގެ ވާހަކަ ދައްކާ އިރު އަޅުގަނޑުމެންގެ އެންމެ ތަހްޒީބުނުވާ ރަށްތަކުގައި ހުރި ހައްގުތަކަކީ ވެސް އަޅުގަނޑުމެން ވަރަށް އަހަމިއްޔަތުކަން ދޭން ޖެހޭ ހައްގުތަކެއް،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ ޖެނީވާގައި ހުންނަ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ވައިސް ޗެއާކަން ރާއްޖެ އަށް ލިބިފައިވާ ކަމަށާއި އެއިން ވެސް ދޭހަވަނީ އިންސާނީ ހައްގުތަކަށް ރާއްޖެ އިން ކުރަމުންދާ މަސައްކަތް ބަލައި ގަންނަ މިންވަރު ކަމަށް ވެސް ދުންޔާ ވަނީ ވިދާޅުވި އެވެ.

މީގެ އިތުރުން ދުންޔާ ވިދާޅުވީ ރާއްޖެ އިން އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް އެހެން ގަމުތަކުން ބަލައިގަންނަ ކަމަށާއި އަދި މައުމޫނުގެ ވެރިކަމުގައި ވެސް އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގައި ކުރިއެރުންތަކެއް ހޯދައި ދިނުމަށް މަސައްކަތްކޮށްދެއްވާ ފައިވާ ކަމަށެވެ.

"އިންސާނީ ހައްގުތަކަށް އިތުރަށް ކުރިއެރުއެރުވުމަށް ރައީސް މައުމޫނު މަސައްކަތްތަކެއް ކުރެއްވި. ދެހާސް ހަތަރު ވަނަ އަހަރު އިފްތިތާހް ކުރި ރިޕޯމް އެޖެންޑާ އިން ގުޅިގެން ޒަމާނީ ޑިމޮކްރަސީ ގެނައުމަށް އެތައް ފަރާތަކުން މަސައްކަތް ކުރެއްވި،" ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ދަރިކަލުން ދުންޔާ ވިދާޅުވި އެވެ.