މާލޭ ސިޓީ ކައުންސިލުން މާލޭގެ އެކި ސަރަހައްދުތައް ތަރައްގީ ކުރުމަށް ބީލަމަށް ހުޅުވާލާފައިވަނީ ގަވާއިދާ ހިލާފަށްކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހައުސިން މިނިސްޓރީން އެގޮތަށް ބުނެފައިވަނީ މާލޭ ސިޓީ ކައުންސިލުން ދާދިފަހުން ބީލަމަށް ހުޅުވާލާފައިވާ ދެ ސަރަހައްދު ކަމަށްވާ މާލޭ ދެކުނު ފަރާތު ބަނދަރު ސަރަހައްދާއި އަލިމަސް އުފާ ކާނިވާ ސަރަހައްދުގައި ޕާކެއް ހެދުމަށް ސިޓީ ކައުންސިލުން ހުޅުވާލައިފައިވާ ބީލަމާއި ގުޅިގެން އެ މިނިސްޓްރީން ނެރުނު އިއުލާނެއްގަ އެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައި ބެނެފައިވަނީ މާލޭ ސިޓި ކައުންސިލާ ހަވާލު ކުރެވިފައިވާ ބިންތަކުގެ ތެރެއިން އަލިމަސް އުފާ ކާނިވާ ސަރަހައްދުގައި ޕާކެއް ހެދުމަށް ސިޓި ކައުންސިލުން ބީލަމަށް ހުޅުވާލައިފައިވާ ބިމަކީ 20 ސެޕްޓެމްބަރު 2012 ވަނަ ދުވަހުން ފެށިގެން މާލޭ ސިޓީ ކައުންސިލާ ހަވާލު ކުރެވެފައިވާ ބިންތަކުގެ ލިސްޓުން އުނިކުރެވިފައިވާ ބިމެއް ކަމަށެވެ. އަދި އެކަން 2 އޮކްޓޫބަރު 2012 ވަނަ ދުވަހު ސިޓީ ކައުސިލަށް އަންގާފައިވާނެ ކަމަށް ވެސް ހައުސިން މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެ އެވެ. އެހެން ކަމުން މިހާރު މާލޭ ސިޓީ ކައުންސިލުން ޕާކެއް ހެދުމަށް ބީލަމަށް ހުޅުވާލައިފައިވާ ބިމަކީ އެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބިމަކަށް ނުވާތީ އެތަން ތަރައްގީ ކުރުމަށް ބީލަމަށް ހުޅުވާލުމުގެ އެއް ވެސް ގާނޫނީ ބާރެއް ސިޓީ ކައުސިލަށް ލިބިގެން ނުވާ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެފައި ވެެއެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައިވަނީ މާލޭ ސިޓީ ކައުންސިލުން މާލޭގެ ދެކުނު ފަރާތު ބަނދަރު ސަރަހައްދު ތަރައްގީ ކުރުމަށްވެސް ބީލަމަށް ހުޅުވައިލައިފައިވަނީ އެ މިނިސްޓްރީން ކަޑައަލާފައިވާ އުސޫލުތަކާއި ގަވާއިދު ތަކާއި ހިލާފަށް ކަމަށެވެ.

ހައުސިން މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވަނީ މާލޭ ސިޓީ ކައުންސިލުން ތަރައްގީ ކުރުމަށް ބީލަމަށް ހުޅުވާލައިފައިވާ މާލޭ ދެކުނު ފަރާތު ސަރަހައްދު ބަނދަރާއި ، އަލިމަސް އުފާ ކާނިވާ ސަރަހައްދުގައި ޕާކެއް ތަރައްގީ ކުރުމަށް ހުޅުވާލައިފައިވާ ބީލަމަކީ މާލޭ ސިޓީ ކައުންސިލުން ގާނޫނީ އިމުން ބޭރުން ހުޅުވާލާފައިވާ ބީލަންތައް ކަމަށް ވާތީ އެ ދެ ސަރަހައްދު ތަރައްގީ ކުރުމަށް ބީލަމަށް ކުރިމަތިލާ އެއް ވެސް ފަރާތަކަށް ލިބިދާނެ މާލީ ގެއްލުމަކަށް އަދި އެހެނިހެން ގޮތަކުން ވެސް ލިބިދާނެ ގެއްލުމަކަށް އެ މިނިސްޓްރީން ޒިންމާ ނުވާނެ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ މެންބަރު އިބްރާހިމް ޝުޖާއު ސަން އޮންލައިން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަލިމަސް އުފާ ކާނިވާ ސަރަހައްދަކީ ގާނޫނީ ގޮތުން އެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަނެއް ކަމަށް ސިޓީ ކައުންސިލުން ގަބޫލު ކުރާ ކަމަށެވެ. އެހެން ކަމުން އެ ސަރަހައްދުގައި ޕާކެއް ހެދުމަށް އެ ކައުންސިލުން ކުރަމުންދާ މަސައްކަތް ހުއްޓާ ނުލައި ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މާލޭ ދެކުނު ފަރާތު ސަރަހައްދު ބަނދަރު ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތް ވެސް ހުއްޓާ ނުލާ ކުރިއަށް ގެންދާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.