ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ އިތުބާރުނެތް ކަމަށް ނަގާ ވޯޓުތައް ސިއްރުކުރުމަށް މަޖިލީހުން މިއަދު ފާސްކޮށްފައި ވާތީ އެއީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.

އެ މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ ޕީޕީއެމްގެ ކައުންސިލް މެންބަރު އަހުމަދު ސިއްދީގާއި މާލޭ ދަފްތަރު އިބްރާހިމް ހުސެއިނެއެވެ.

އެ ދެ ބޭފުޅުންގެ ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވީ ސުޕްރީމް ކޯޓުގައި އޮންނަ އުސޫލުގެމަތިން އެ މައްސަލަ ކޯޓަށް ބަލައިގަތުމަށް ނިންމައި މައްސަލަ ހުށަހެޅުމަށް ތިން ދުވަހުގެ ފުރުސަތު އެ ކޯޓުން މިއަދު ދީފައިވާ ކަމަށެވެ.

ވަހީދު ވިދާޅުވީ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒާއި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ މައްޗަށް ކުރީގެ މަދަނީ ކޯޓުން 2010 ވަނަ އަހަރު ކުރި ހުކުމަކުން ދަރަންޏެއް ސާބިތުވެފައިވާ އިރު އެ ހުކުމާ އެއްގޮތަށް އެފައިސާ ދައްކާފައި ނުވާކަން ސިވިލް ކޯޓުން މިއަހަރު ކޮށްފައިވާ ހުކުމަކުން ސާބިތުވެފައިވާ ކަމަށެވެ. އެހެންކަމުން ހުކުމާ އެއްގޮތަށް ދަރަނި އަދާނުކުރާ މީހަކު މެންބަރުކަމުން ވަކިވާނެ ކަމަށް ގާނޫނު އަސާސީގެ 73 ވަނަ މާއްދާގައި ބުނާތީ އެ ދެ ބޭފުޅުން ވޯޓުދެއްވައިގެން ފާސްކުރި އިސްލާހަކީ ގާނޫނާ އެއްގޮތް ވޯޓެއްކަމަށް ނުބެލެވޭނެ ކަމަށެެވެ.

އޭނާ ވިދާޅުވީ ދެހާލަތެއް ފިޔަވައި މަޖިލީހުން ކުރަންޖެހޭ ކަންތައްތައް ސިއްރު ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގެ 85 ވަނަ މާއްދާގައި ބުނާތީ ވޯޓުތައް ސިއްރުކުރަން ފާސްކޮށްފައި ވަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށެވެ.

އިތުބާރު ނެތް ކަމުގެ ވޯޓް ސިއްރު ކުރުމަށް އާންމު ކޮމެޓީން ފޮނުވި ރިޕޯޓު މަޖިލީހުގެ ޖަލްސާއިން ފާސްވީ 41 މެންބަރުން ވޯޓް ދެއްވައިގެންނެވެ. ރިޕޯޓް ފާސް ކުރުމާ ދެކޮޅަށް 34 މެންބަރުން ވޯޓު ދެއްވި އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އިތުބާރު ނެތް ކަމުގެ ވޯޓް ފާސް ކުރަން ޖުމްހޫރީ ޕާޓީ އާއި ޑިއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންތަކެއް ވޯޓް ދެއްވި އެވެ.

ވޯޓް ސިއްރު ކުރުމަށް ޑީއާރްޕީން ވޯޓް ދެއްވީ ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި އެމަނިކުފާނުގެ އަނބިކަނބަލުން މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް އަލީ އާއި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް އާއި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފާއި މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުހައްމަދާއި ކެލާ ދާއިރާގެ މެންބަރު އަބްދުﷲ މައުސޫމެވެ.

އެމްޑީޕީގެ މެންބަރުންނާ އެކު ވޯޓް ސިއްރު ކުރުމަށް ޖުމްހޫރީ ޕާޓީން ވޯޓް ދެއްވީ ގާސިމް އިބްރާހިމާއި އަބްދުﷲ އަބްދުއްރަހީމެވެ. މިނިވަން މެންބަރުންގެ ތެރެއިން ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދާއި ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ވެސް ވޯޓުދެއްވީ ވޯޓު ސިއްރު ކުރުމަށެވެ.