13 Mar 2010, 10:31
ސިފައިންގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަންކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ފުޅާވާފަދަ ގޮތަކަށް އޮތުމަކީ އަޅުގަނޑުމެންގެ ސަލާމަތްތެރިކަމާއި، ތަރައްޤީއަށާއި ހަމަޖެހުމަށް ވެސް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިހާރު އެމަނިކުފާނު ޔޫރަޕަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޖަރުމަންވިލާތުގެ ބާލިންގައި ހުންނަވައިގެން މިއަދު ދެއްވި އެމަނިކުފާނުގެ ރޭޑިއޯ ހިތޯބުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިމިވާ ބިލްގައި ޚާއްޞަ ގޮތެއްގައި އިޝާރާތް ކުރަނީ، ސިފައިންގެ އިސްމަގާމުތަކަށް ބޭފުޅުން ޢައްޔަން ކުރުމުގައި، ރައްޔިތުންގެ މަޖިލީހުގެ ދައުރު ފުޅާކުރުމަށް ކަމުގައި ވިދާޅުވި އެވެ. އަދި މިއީ ރާއްޖޭގެ ސަލާމަތަށާއި ތަރައްޤީއަށާއި، ހަމަޖެހުމަށް ހުރަހަކަށް ވެގެން ހިނގައިދާނެ ކަމެއް ކަމުން، ސިފައިންގެ ކަންކަން ދޯދިޔާ ގޮތަކަށް ނުވަތަ ޔަޤީންކަން ނެތް ގޮތަކަށް ގެންދެވެން ނޯންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ސިފައިންގެ ސަފުތައް ހާވިޔާވާނެ ނުވަތަ ރޫޅިގެންދާނެ އެއްވެސް ގޮތެއް ހެއްދެވޭކަށް ނޯންނާނެ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ސިފައިންގެ އެންމެމަތީ ވެރިޔާގެ ގޮތުގައި ހަރުދަނާކަމާ އެކީގައި ހުންނަވައި، އެމަގާމު ދިފާޢު ކުރެއްވުމަށް ޤާނޫނު އަސާސީ ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމްކުރާ ކަމުގައި ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
ސިފައިންގެ އެންމެމަތީ ވެރިޔާގެ ޙައިޘިއްޔަތުން ކުރައްވަންޖެހޭ ހުރިހާ ކަމެއް، އެއިރަކަށް ކުރައްވަންޖެހޭ މިންވަރަކަށް ކުރައްވަމުން ގެންދަވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ ހިތޯބުގައި ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޖަރުމަނުވިލާތަށް ކުރެއްވި ދަތުރުފުޅުގެ މައްޗަށް ވެސް މިއަދު ރޭޑިޔޯ ހިތާބުގައި ބައްލަވާލެއްވި އެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ޖަރުމަނު ސަރުކާރުގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައި، ވަރަށް އެކުވެރިކަމާ އެކީގައި ވާހަކަފުޅު ދެއްކެވުމުގެ ފުރްޞަތު ލިބިވަޑައިގެންނެވި ކަމަށާއި، ރާއްޖޭގެ ތަރައްޤީގެ އެކިއެކި ކަންކަމުގައި ޖަރުމަނު ސަރުކާރުން އެހީތެރިވެދެއްވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީން ކަމެއް އެބޭފުޅުން ދެއްވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.