އަންހެނުންނަށް ހާއްސަ ކޮށްގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ ވިމަންސް ފުޓްބޯލް ޗެމްޕިއަންޝިޕް 2012ގައި ސަން ގްރޫގެ ފަރާތުން ބައިވެރިވާ "ސަން ހޮޓެލްސް އެންޑް ރިޒޯޓްސް" (އެސްއެޗްއާރު) ޓީމުގައި ހިމެނޭ ކުޅުން ތެރިން އިއުލާނު ކުރުމާއި އަދި އެ ކުޅުންތެރިން ނަށް ޖާޒީ ހަވާލުކުރުމަށް ހާއްސަ ހަފްލާއެއް ރޭ ބާއްވައިފި އެވެ.

ޓްރޭޑާސް ހޮޓަލުގައި ރޭ ބޭއްވި ހަފުލާއެއްގައި އެ ޓީމަށް ޖާޒީ ހަވާލުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އަބްދުލްޣަފޫރާއި ސަން ހޮޓެލްސް އެންޑް ރިސޯޓުގެ ޗެއާމަން އަހުމަދު ޝިޔާމު މުހައްމަދެވެ.

ރޭގެ ހަފުލާގައި ޝިޔާމު ވާހަކަ ދެއްކެވި އެވެ. ޝިޔާމު ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅައިގެ މައިދާނުގައި އަންހެނުން ހަރަކާތްތެރިވުމަށް ހުޅުވާލި ފުރުސަތަކީ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި އަދި ފަތުރުވެރިކަމުގެ ދާއިރާ އިން އަންހެން ކަނބަލުންނަށް ނިސްބަތްވާ ޓީމެއް ނެރުމުގެ ފުރުސަތު ލިބިގެން ދިއުމަކީ ވަރަށް އުފާ ކުރައްވާ ކަމެއް ކަމަށެވެ.

"މިރެއަކީ ހަގީގަތުގައި ވަރަށް އުފާވެރި ރެއެއް. އެއީ ދިވެހި ތާރީހުގައި އަންހެނުން ނަށްޓަކައި ހާއްސަ ކޮށްގެން ދިވެހިރާއްޖޭގެ ފުޓުބޯޅައިގެ އިދާރާ އިން މިގޮތަށް ބާއްވާ މުބާރާތެއްގައި ފަތުރުވެރިކަމަށް ނިސްބަތްވާ ފުޓްބޯޅަ ޓީމެއް ބައިވެރި ކުރުމަކީ އަދި މިކަމުގައި އުޅުމަކީ މުސްތަގުބަލުގައި އަންހެނުންނަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް،" ޝިޔާމު ވިދާޅުވި އެވެ.

ޝިޔާމު ވިދާޅުވީ އަންހެނުންނަކީ އަޅުގަނޑުމެންގެ މުޖުތަމައުގައި ވަރަށް ބޮޑު އަހައްމިއްޔަތެއް ދޭން ޖެހޭ ބައެއް ކަމަށާއި އަދި އަންހެނުން ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށްޓަކައި ކަސްރަތު ކުރުމާއި އަދި އެނޫން ވެސް ރަނގަޅު ވަސީލަތްތައް ހޯދައިދޭން ޖެހޭ ކަމަށާއި މިފަދަ މުބާރާތްތައް ބާއްވައިދީ ފުރުސަތުތައް ތަނަވަސްކޮށްދިނުމަކީ ގައުމީ ފެންވަރުގައި ވެސް ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.

ރޭގެ ހަފުލާގެ ޝަރަފުވެރި މެހެމާނު ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ ފުޓްބޯޅައަކީ ރާއްޖެއާ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ކުޅިވަރެއް ކަމަށާއި އަދި އެ ކުޅިވަރު ރާއްޖޭގައި އިތުރަށް ކުރިއެރުވޭނޭ ގޮތްތައް ހޯދަން ޖެހިފައިވާ ކަމަށެވެ.

"މިއީ ވަރަށް ބޭނުންތެރި އަދި މުހިއްމު މުބާރާތެއް. އަޅުގަނޑުމެން އަބަދުވެސް ދައްކާ ވާހަކައެއް އަންހެނުން ބާރުވެރިކުރުވުން، ޖިންސުގެ ހަމަހަމަކަން. އެހެން ނަމަވެސް މިއަދު އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ މިކަމަށް އަސްލު މަސައްކަތެއް ކުރެވިގެންދާ ތަން." އަދީބު ވިދާޅުވި އެވެ.

ރޭގެ ހަފުލާގައި މި ސީޒަންގައި ސަން ޓީމުން ބޭނުން ކުރާނޭ ޖާޒީތައް ދައްކާލުމާއި ސަން ޓީމުގެ ލަވަ ޕާފޯމް ކުރުމުގެ އިތުރުން ސަން ޓީމުގެ ކޭކުފެޅުން ވެސް އޮތެވެ.

ސަން ހޮޓެލްސް އެންޑް ރިޒޯޓްސް (އެސްއެޗްއާރު) ޓީމުގައި ހިމެނެނީ، ޖާޒީ ނަންބަރު ތަރުތީބުން، ލުބުނާ ހުސައިން މަނިކު، އައިޝަތު ޝިފާ، އައިޝަތު އީމާން ނަސީމް، އައިޝަތު މާހިން، އާމިނަތު ޒާހިޔާ، އައިޝަތު މައީޝާ، ބިޝާރާ ހަސަން ވަހީދު، ސޯބިރާ މޫސާ، ފާތިމަތު ޔުމްނާ އިބްރާހީމް، ފާތިމަތު އަފްޒާ، ނާޝިމާ އިބްރާހީމް، އަރީޝާ ރިޒާ، ހާޖަރާ އަހްމަދު، ޒުލޭހާ ހަބީބު، އާމިނަތު އީނާސް، އައިޝަތު މުހައްމަދު ލަތީފު، ފަރަހް އަހްމަދު، ސާއިގާ ހުސައިން، އައިޝަތު ޝަމްއާ، އާމިނަތު ރިހުލާ، މަރިޔަމް މައުސޫދާ، އާމިނަތު ޝިރުމީނާ، މަރިޔަމް ދިރާސާ، ޒުބާނާ އަލީ އަދި ނާޝިތާ މުހައްމަދު އެވެ.

ޓީމުގެ އޮފިޝަލުންނަކީ، އައިޝަތު ރަފިއްޔާ (މެނޭޖަރު)، ފާތިމަތު ޝަރީފު (އެސިސްޓެންޓް މެނޭޖަރު)، އިސްމާއީލް އަނިލް (ހެޑް ކޯޗު)، މުހައްމަދު މައުމޫން (އެސިސްޓެންޓް ކޯޗު)، އިބްރާހީމް ސަލީމް (ކީޕަރު ޓުރެއިނަރު)، ފާތިމަތު ޝާއިރާ (މެޑިކަލް)ގެ އިތުރުން އަބްދުﷲ އާލިމް އަލީ އަދި ފާތިމަތު އަފާ އެވެ.