10 Dec 2012, 15:23
ޑައިވަރުނަށް ހާއްސަކޮށްގެން ސެމިނާ އޮން ރެކްރިއޭޝަން ޑައިވިން އިން މޯލްޑިވުސް 2012ގެ ނަމުގައި ޓޫރިޒަމް މިނިސްޓުރީން މިއަދު ސެމިނާއެއް ބާއްވައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ އެއް ދުވަހުގެ ނިޔަލަށް ނަސަންދުރާ ޕެލަސް ހޮޓަލުގައި މިއަދު ބޭއްވި ސެމިނާއަކީ ރާއްޖޭގެ ފީނުމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާ މެދު އޮންނަ ގުޅުން ބަދަހި ކުރުމަށާއި ފީނުމުގެ ސިނާއަތުގެ ރައްކާތެރިކަން ހަދާންކޮށްދީ އެސިނާއަތް ފުޅާކުރުމަށް ކުރެވިދާނެ ކަންތައްތައް ދެނެގަތުމަށްޓަކައި ބޭއްވި ސެމިނާއެއް ކަމަށެވެ.
އަދި ބުނީ އެ ސެމިނާގައި ޑައިވިން ދައިރާ އިން ރަޖިސްޓުރީކޮށްގެން ހިންގާ 71 ފަރާތަކުން ބައިވެރިވި އިރު އޭގެ ތެރޭގައި ޓޫރިސްޓް ރިސޯޓްތަކާއި ސަފާރީ ބޯޓްތަކާއި ރަށްރަށުގައި ހިންގާ ފީނުމުގެ މަސައްކަތްކުރާ މަރުކަޒުތަކުގެ އިތުރުން ލިވްއެބޯޑް އެސޯސިއޭޝަން އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީން ވެސް ބައިވެރިވާ ކަމަށެވެ.
އަދި ބުނީ އެ ސެމިނާގައި މިހާރު އަމަލުކުރަމުންދާ ފީނުމުގެ ގަވައިދަށް އިސްލާހުތަކެއް ގެންނަންޖެހޭކަމަށް ފާހަގަކޮށްފައިވާ އިރު އެ ގަވާއިދު އިސްލާހުކުރުމަށް ޓަކައި ހިޔާލް ހޯދުމަށް ޓޫރިޒަމް މިނިސްޓުރީގެ ވެބް ސައިޓްގައި 31 ޑިސެމްބަރު މަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށެވެ.