10 Dec 2012, 14:46
އަންނަ އަހަރަށް ލަފާކޮށްފައިވާ 16.9 ބިލިއަން ރުފިޔާގެ ބަޖެޓުން ބައެއް ހަރަދުތައް އުނިކޮށް އަންނަ އަހަރުގެ ބަޖެޓް 14 ބިލިއަން ރުފިޔާ އަށް ކުޑަކުރަން ބަޖެޓް ކޮމެޓީގެ ގިނަ މެންބަރުންތަކެއް މިއަދު ތާއީދު ކުރައްވައި ވާހަކަ ދައްކަވައިފި އެވެ.
މާލިއްޔަތު ކޮމެޓީ އާއި އިގްތިސޯދީ ކޮމެޓީގެ މައްޗަށް އެކުލަވާލާފައިވާ ބަޖެޓް ކޮމެޓީގައި ގިނަ އިރުތަކެއް ވަންދެން މެންބަރުން މިއަދު ބަހުސްކުރެއްވީ މިނިވަން މުއައްސަސާތަކަށް ހަރަދުކުރުމަށް އިތުރު 900 މިލިއަން ރުފިޔާ ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ ބަޖެޓްގައި ހިމެނުމަށް އެ އޮފީސްތަކުން ކޮމެޓީގައި އެދިފައިވާތީ އެ މައްސަލައިގަ އެވެ.
އެ މައުލޫގައި ބަހުސް ފެށުމުގެ ކުރިން ކޮމެޓީގެ މެންބަރުންނަށް ދެއްވި ބްރީފިންއެއްގައި ބަޖެޓް ކޮމެޓީގެ މުގައްރިރު، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ މި އަހަރުގެ ބަޖެޓް 16.9 ބިލިއަން ރުފިޔާ އަށް އަރާއިރު އަންނަ އަހަރު ލިބޭނެ ހަގީގީ އާމްދަނީއަކީ 10 ބިލިއަން ރުފިޔާ ކަމަށެވެ.
އެ މައުލޫގައި ވާހަކަ ދައްކަވަމުން މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓްގައި އިތުރު މުވައްޒަފުންނަށް ހަރަދުކުރުމާއި އިތުރު ދަތުރުތަކެއް ކުރުމަށް ފައިސާ ހިމެނިގެން ނުވާނެ ކަމަށާއި އެފަދަ ހަރަދުތައް "ފްރީޒް ކުރެވެން" ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ މިނިވަން މުއައްސަސާތަކުން މަސައްކަތް ހަލުވި ކުރުމުގެ ނަމުގައި ކުރަން ރާވާފައި ހުރި ހަރަދުތައް ކުރުމުގެ ކުރިން އެކަމުގެ ސަބަބުން ނިކުންނާނެ އެހެނިހެން ހަރަދުތަކުގެ މައްޗަށް ވެސް ރިއާޔަތް ކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ މިހާރު އޮތް ބަޖެޓް 14 ބިލިއަނަށް ކުޑަނުކުރެވޭ ނަމަ "ބަޖެޓް ހިފައިގެން ސަރުކާރަށް ތެދުނުވެވޭނެ" ކަމަށެވެ.
"އޭގެ ވެލިއުފޯ މަނީއެއް ލިބޭތަނެއް ނުފެނޭ... އަޅުގަނޑުމެން މިހިރަ މިނިވަން މުއައްސަސާތަކުގެ ޕީއެސްއައިޕީ ބަޖެޓަށް ބަލައިލީމާ ފެންނާނެ އެބޭފުޅުން ރިކަރަންޓް ހަރަދަށް ބޭނުންވާ ވަރު ސޭވް ކުރެވޭނެ އެތައްތަނެއް. އަޅުގަނޑަށް ގަބޫލެއްނުކުރެވޭ 14 ބިލިއަނަށް ވުރެ ބޮޑު ބަޖެޓެއް ހިފައިގެން ސަރުކާރަށް ތެދުވެވޭނެ ކަމަކަށް. އަޅުގަނޑުމެން އެބަޖެހޭ މި މާޖިން ކުޑަކުރެވޭތޯ މަސައްކަތް ކުރަން. ރައްޔިތުން މަޖިލީހުގެ އޮފީސް އިމާރާތް ވެސް ކޮންމެހެން މިއަހަރު ފަށަން ޖެހޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއްނުކުރަން،" ޔާމީން ވިދާޅުވި އެވެ.
ބަޖެޓް ކޮމެޓީގެ ނައިބު މުގައްރިރު ބިލަތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަމްޒާ ވިދާޅުވީ ބަޖެޓަކީ މިހާރު ވެސް ވަރަށް ބޮޑު ބަޖެޓެއް ކަމަށާއި މިނިވަން މުއައްސަސާތަކުން ކުރަން ބޭނުންވާ ކަންތައްތައް ނުކުރެވުނަސް އިތުރަށް ދަރަނި ނަގައިގެން ބަޖެޓުން ހަރަދުތަކެއް ކުރުމަށް ހުއްދަ ދެވެން ނޯންނާނެ ކަމަށެވެ. ބަޖެޓް އިތުރުކުރުމަށް ވަރަށް ބޮޑަށް ދެކޮޅު ހައްދަވަމުން ހަމްޒާ ވަނީ މީރާ ފިޔަވައި އެހެން މުއައްސަސާތަކަށް ބަޖެޓް އިތުރުކޮށް ނުދިނުމަށާއި މިހާރު ހުރި ހަރަދުން ވެސް 15 ޕަސެންޓް އުނިކުރުމަށް ހުށަހަޅުއްވައިފަ އެވެ.
"މި މުއައްސަސާތަކުގެ ޕްރޮޑަކްޓިވިޓީ އަށް 'އުފެއްދުންތެރިކަމަށް ބަލަން އެބަޖެހޭ' އެގޮތަށް ބަލާއިރު އަޅުގަނޑަކަށް ނުފެނޭ މިނިވަން މުއައްސަސާތަކުގެ ތެރެއިން މީރާ ނޫން ބަޔަކަށް ބަޖެޓް އިތުރުކޮށްދޭކަށް. އަޅުގަނޑަށް އެކަމުގައި ތާއީދެއް ނުދެވޭނެ. އިތުރު ލޯނުތައް ނަގައިގެން ގައުމު ދަރުވާލައިގެން އިތުރު ހަރަދުތަކެއް ކުރާކަށް އަޅުގަނޑަށް ތާއީދެއް ނުކުރެވޭނެ،" ހަމްޒާ ވިދާޅުވި އެވެ.
ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވީ އެއްވެސް މުއައްސަސާއަކަށް ބަޖެޓް އިތުރު ކުރެވެން ނެތް ކަމަށާއި މިހާރު ހުރި ބަޖެޓުން ވެސް ދަތުރުފަތުރަށް ހުރި ހަރަދުތަކާއި އިންޝުއަރެންސްގެ ހަރަދުތައް މުޅީންހެން ކުޑަކުރަން ޖެހޭ ކަމަށެވެ. މިނިވަން މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރަ މި އަހަރު ތެރޭ ވެސް ދެ ގުނަ ބޮޑުކޮށްފައިވާ އިރު އެ މުއައްސަސާތަކަށް އެކަށޭނަ ގޮތުގައި ކުރެވެނީ ކޮން މަސައްކަތްތަކެއް ކަމާ މެދު އޭނާ ސުވާލުއުފެއްދެވި އެވެ.
"އަޅުގަނޑުމެންނަކަށް ނެތް ބަޖެޓް ދީގެން މިގޮތަށް ގެންގުޅެވޭކަށް. އެ ތަނަވަސްކަމެއް އަޅުގަނޑުމެންގެ ނެތް. އެހެންވީމާ އަޅުގަނޑު ހުށަހަޅަން ދަތުރުފަތުރަށް މިހިރަ ހަރަދުތަކާ އެއްޗިހި އެކީއެކަށްހެން އުނިކުރަން،" ރިޔާޒު ވިދާޅުވި އެވެ.
އޭނާ ވަނީ ޕީއެސްއައިޕީގެ ދަށުން އަޅަން ހުރި އާ އިމާރާތްތަކުގެ މަޝްރޫއުތައް މަޑުޖައްސާލުމަށް ވެސް ގޮވާލައްވައިފަ އެވެ. އޭނާ ވިދާޅުވީ އިތުރު އިމާރާތްތަކެއް އެޅުމަށް ވުރެ އާމްދަނީ އާއި ހަރަދު ދެކޮޅު ޖެއްސުން މާ މުހިންމު ކަމަށެވެ.
މާލިއްޔަތު ކޮމެޓީގެ މުގައްރިރުކަން ވެސް ކުރައްވާ، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ބަޖެޓް އުނިކުރުމަށް އޭނާ ތާއީދު ނުކުރައްވާ ކަމަށާއި ނަމަވެސް ބަޖެޓް ބޮޑު ކުރުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އޭނާ ވަނީ މިނިވަން މުއައްސަސާތަކުގެ މަސައްކަތްތައް ހިނގާގޮތާއި އުފެއްދުންތެރިކަން ހުރިގޮތަށް ބަލާ އިރު އިތުރަށް ފައިސާ ދޭންޖެހޭނެ ކަމަށް ނުފެންނަ ކަމަށް ވިދާޅުވެފަ އެވެ.
"އެ ބަޖެޓް ކުޑަކުރުމުގެ ކަންކަން ފިނޭންސަށް ދޫކޮށްލުން މީގައި މުހިންމީ. އެހެން ނޫނީ އަޅުގަނޑުމެން ކޮށާ މަށައިފި ނަމަ އެކަން އަޅުވާނީ އަޅުގަނޑުމެންގެ ބޮލުގައި،" ނާޒިމް ވިދާޅުވި އެވެ.
އީވާ އަބްދުﷲ ވަނީ ބަޖެޓާ މެދު ދެ ހިޔާލެއް ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ މިނިވަން މުއައްސަސާތައް ކަމަށްވާ އިލެކްޝަންސް އަށް ބަޖެޓް އިތުރުކުރުމަށް އޭނާ ތާއީދު ކުރައްވާ ކަމަށާއި ނަމަވެސް މިޑީއާ ކައުންސިލާއި ހިއުމަންރައިޓްސް ކޮމިޝަނަށް ބަޖެޓް އިތުރުކުރުމަށް އޭނާ ތާއީދު ނުކުރައްވާ ކަމަށެވެ.
ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީހު ވިދާޅުވީ މިނިވަން މުއައްސަސާތަކުން އެދިފައިވާ ވަރު ބަޖެޓްގައި ހިމަނައިފި ނަމަ ބަޖެޓް 17 ބިލިއަން ރުފިޔާ އަށް އެރުމުގެ ބިރު އެބައޮތް ކަމަށާއި އެއީ ގައުމު މިހާލަތުގައި އޮތް އިރު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ބަޖެޓް މިހާރަށް ވުރެ ވެސް ކުޑަކޮށް ހަރަދުކުޑަކުރެވޭނެ ދިމާތައް ބަޖެޓުން ހޯދުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.
ކޮމެޓީގެ މުގައްރިރު ގާސިމް މިއަދުގެ ކޮމެޓީގެ މެންދުދރު ކުރީގެ ސެޝަން ނިންމާލެއްވީ ބަޖެޓުން އުނިކުރެވޭނެ ދާއިރާތަށް ފާހަގަކޮށް މިނިވަން މުއައްސަސާތަކުގެ ބަޖެޓާ މެދު ގޮތެއް ކަނޑައަޅަން ފިނޭންސް މިނިސްޓަރު ކޮމެޓީއަށް ހާޒިރުކޮށް އިތުރު މައުލޫމާތު ސާފުކުރާނެ ކަމަށް ވިދާޅުވަމުންނެވެ.