ލ. މާވަށު ފަސް ކައުންސިލަރުންނާއި ތުލުސްދޫ ދެ ކައުންސިލަރަކު ޑީއާރުޕީން ވަކިވެވަޑައިގެން ޕީޕީއެމްއާ ގުޅިވަޑައިގެންފި އެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ މާވަށު ދާއިރާގެ މެންބަރު އަބްދުލް އަޒީޒު ޖަމާލް އަބޫބަކުރު މިއަދު ވިދާޅުވީ އޭނާ ނިސްބަތްވެވަޑައިގަންނަވާ މަވަށު ރަށު ކައުންސިލްގެ ފަސް މެންބަރުން މިދިޔަ ހޮނިހިރު ދުވަހު ޕީޕީއެމްއަށް ސޮއި ކުރައްވާފައިވާ ކަމަށެވެ.

ތުލުސްދޫ ކައުންސިލަރު ކަމަށް ޑީއާރުޕީގެ ޓިކެޓްގައި ހޮވޮވަޑައިގެންނެވި ދެ މެންބަރުން ޕީޕީއެމް އަށް ސޮއި ކުރައްވާފައި ވަނީ ރޭގަ އެވެ. އެ ރަށުގައި ބޭއްވި ރަސްމިޔާތުގައި ޕީޕީއެމް އަށް ސޮއި ކުރެއްވީ ތުލުސްދޫ ކައުންސިލްގެ ރައީސް ޔޫޝައު ޖަމީލާއި ކައުންސިލް މެމްބަރު ހުސެއިން އަފީފު ކަމަށް ޕީޕީއެމުން ބުންޏެވެ.

ކައުންސިލަރު ކަމަށް އިންތިހާބުވި އިރު އެ މީހަކު ހުރި ޕާޓީ ފިޔަވައި އެހެން ޕާޓީއަކަށް ބަދަލު ނުވެވޭ ގޮތަށް އޮތް ނިންމުން ސުޕްރީމް ކޯޓުން ބަދަލުކުރުމާ ގުޅިގެން ޑީއާރުޕީގެ ގިނަ ކައުންސިލަރުންތަކެއް ވަނީ ޑީއާރުޕީން ވަކިވެފަ އެވެ. އެ ގޮތުން ޑީއާރުޕީގެ ޓިކެޓްގައި ވާދަކޮށްގެން ކައުންސިލަރު ކަމަށް އިންތިހާބު ވެފައިވާ ގއ. އަތޮޅުގެ ކައުންސިލަރަކާއި އެ އަތޮޅު ގެމަނަފުށީ ކައުންސިލްގެ ފަސް މެންބަރުން ވަނީ ޑީއާރުޕީން އިއްޔެ ވަކިވެފަ އެވެ.