އެކުވެރި ދައުލަތްތަކުގައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު ކަމަށް މާފަންނު ވެސްޓްސައިޑް އަޙްމަދު ސަރީރު ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައި އެމަނިކުފާނަށް މަގާމުގެ ފަތްކޮޅު މިއަދު ދެއްވައިފި އެވެ.

މަޤާމުގެ ފަތްކޮޅު ދެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރާއްޖެ އާއި އދ.އާ ދެމެދު އޮންނަ ގުޅުމާއި ރާއްޖެ އާއި އެހެން ގައުމުތަކާ ދެމެދު އޮންނަ ގުޅުން ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކޮށްދެއްވުމަށް ދާއިމީ މަންދޫބުގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު އެދިވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ރާއްޖެ އަށް ބޭނުންވާ އެކިކަންކަމުގައި އދ.ގެ އެހީތެރިކަމާއި އެއްބާރުލެއްވުން ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރެއްވުމުގެ މުހިންމު ކަމުގެ މައްޗަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަ ދެއްކެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަޙްމަދު ސަރީރު، އެކުވެރި ދައުލަތްތަކުގައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު ކަމަށް ރައީސުލްޖުމްހޫރިއްޔާ މި ޢައްޔަން ކުރެއްވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެ މަތިން ކަމަށް ރައީސް އޮފީހުން ބުންޏެވެ.