10 Dec 2012, 13:37
މަހިންދަ ރާޖަޕަކްސާ އިންޓަނޭޝަނަލް މުބާރާތުގެ ފައިނަލުގައި ޕާކިސްތާން ބަލިކޮށް ޗެންޕިއަންކަން ހޯދި ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމު، މިރޭ އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަަމަށް މިނިސްޓްރީ އޮފް ހިޔުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްއިން ބުނެފި އެވެ.
ސްރީލަންކާގެ ނާވަލަޕިޓިޔާ ޖަޔަތިލަކަ ސްޓޭޑިއަމް ގައި އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގައި ޕާކިސްތާން ދޭއް އެކަކުން ބަލިކޮށް، މުބާރާތުގެ ތަށި ހިފައިގެން ރާއްޖެގެ ޒުވާން ޓީމު މާލެ އަންނަނީ މިރޭ 9:30 ގަ އެވެ.
މަހިންދަ ރާޖަޕަކްސާ އިންޓަނޭޝަނަލް ފުޓްބޯޅަ ޓްރޮފީ އަކީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފިޔަވައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަކަށް ކާމިޔާބު ކުރި ފުރަތަމަ ތަށްޓެވެ.
ޔޫތު މިނިސްޓްރީން ބުނީ ރާއްޖޭގެ ޒުވާން ޓީމަށް މަރުހަބާ ކިޔުމަށްޓަކައި ރަތް ކުލައިގެ ހެދުމެއް ތުރުކުރައްވައިގެން މާލޭ އެއް ނަންބަރު ފާލަން ކައިރިއަށް ގިނަ އަދަދެއްގެ ރައްޔިތުން ޖަމާވުމަކީ އެ މިނިސްޓްރީން އެދޭ ކަމެއް ކަމަށެވެ.