އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެއެއާޕޯޓަށް އޮޕަރޭޓްކުރާ އެއާލައިންތަކާ ބައްދަލުކޮށްފި އެވެ.

އެމްއޭސީއެލް އިން ބުނީ އެއާޕޯޓް ހިންގުމަށް ސަރުކާރުން އެމްސީއެލްއާ ހަވާލުކުރުމުން އެއާޕޯޓް ހިންގުމަށް ކުރަން ޖެހޭ ކަންތައްތަކުގެ ތެރެއިން މިއަދު އެއާލައިންތަކާ ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި ބުނީ އެބައްދަލުވުމަކީ އެއާޕޯޓް ހިންގުން ހަވާލުކުރުމުން އެއާލައިން އޮޕަރޭޓަރުންނާ އެކު ކުރަންޖެހޭ އެންމެހާ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

އެއާލައިންގެ އޮޕަރޭޓަރުންނާ ބައްދަލުކޮށްފައިވާ އިރު މިއީ އެގޮތުން އެއާލައިންތަކާ އެކު ބޭއްވި ދެވަނަ ބައްދަލުވުމެވެ. ފުރަތަމަ ބައްދަލުވުން ބޭއްވީ މިމަހުގެ ދެ ވަނަ ދުވަހު އެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގުން އިންޑިއާގެ ޖީއެމްއާރްއަތުން ނެގުމަށް ފަހު އެމްސީއެލްއާ ހަވާލުކޮށްފައި ވަނީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ. އެ ދުވަހު ސަރުކާރުން ބުނީ އެ މްސީއެލް ހަރުދަނާ ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.