ރަސްމީ ދަތުރުފުޅެއްގައި ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ޗައިނާ އަށް ފުރާވަޑައިގަންނަވައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ މިނިސްޓަރުގެ އެ ދަތުރުފުޅަކީ ޗައިނާގެ ޑިފެންސްގެ ދައުވަތަކަށް މި މަހުގެ 10 އިން 15 އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ. އަދި ބުނީ ޑިފެންސް މިނިސްޓަރު ޗައިނާ އަށް ކުރައްވާ އެ ދަތުރުފުޅުގައި ޗައިނާގެ މިނިސްޓަރު އޮފް ނެޝަނަލް ޑިފެންސް އަދި ސްޓޭޓް ކައުންސެލާ ޖެނަރަލް ލިއޭންގް ގުއަންގްލީއާ އެކު ރަސްމީ ވާހަކަފުޅު ބާއްވާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

"ޗައިނާގެ ދިފާއީ ދާއިރާގެ ސެންޓްރަލް މިލިޓަރީ ކަމިޝަންގެ މެމްބަރުންނާ އެކު މިނިސްޓަރު އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިޔުރިޓީ ބައްދަލުކުރައްވާ ގޮތަށް ވެސް ވަނީ ހަމަޖެހިފައި." އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ ޑިފެންސް މިނިސްޓަރު އެ ދަތުރުގައި ތައުލީމުގެ ފުރުސަތުތައް ޗައިނާ އިން ހޯދުމަށްޓަކައި އެ ގައުމުގެ ނެޝަނަލް ޑިފެންސް ޔުނިވާސިޓީ އާއި މިލިޓަރީ މެޑިކަލް ޔުނިވާސިޓީ އަދި ޝަންގްހާއީ އިންސްޓިޓިޔުޓް ފޯ އިންޓަނޭޝަނަލް ސްޓަޑީޒްއާ އެކު ބައްދަލުވުންތައް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ޑިފެންސް މިނިސްޓަރު ނާޒިމްގެ އެ ދަތުރުފުޅުގެ ސަބަބުން ޗައިނާ އާއި ދިވެހި ރާއްޖެއާ ދެމެދު އޮންނަ ދިފާއީ އަދި އަސްކަރީ ގުޅުން އިތުރަށް ބަދަހިވެ ރާއްޖޭގެ އަސްކަރިއްޔާ ތަރައްގީ ކުރުމުގައި ޗައިނާ ސަރުކާރުގެ އެހީތެރިކަން އެކި ދާއިރާތަކުން ލިބުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.