23 Sep 2010, 13:55
ޗޮކްލެޓުގެ ގިނަ ޕްރީމިއަމް ބްރޭންޑްތައް ވިއްކާ "ދަ ކޮކޯ ޓްރީސް" ގެ ފިހާރައެއް މާލޭގައި މިއަދު ހުޅުވައިފި އެވެ.
މިއަދު ހަވީރު ބޭއްވި ކުޑަ ހަފްލާއެއްގައި، އޯކިޑްމަގުގައި ހުންނަ "ދަ ކޮކޯ ޓްރީސް"ގެ ފިހާރަ ހުޅުވައިދެއްވީ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަދި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް (ރިޓަޔަޑް) މުހައްމަދު ޒާހިރު ނުވަތަ ޓޫޓޫ ޒާހިރެވެ.
"ދަ ކޮކޯ ޓްރީސް" އަކީ ސިންގަޕޯގެ ފޯކަސް ނެޓްވޯކް އޭޖެންސީން މި ސަރަހައްދުގެ ގިނަ ގައުމުތަކުގައި ހިންގަމުން އަންނަ ޕްރީމިއަމް ބްރޭންޑްގެ ޗޮކްލެޓު ވިއްކާ ޑިއުޓީ ފްރީ ރީޓެއިލް ފިހާރައެކެވެ. ސިންގަޕޯގެ ކުންފުންޏާ ގުޅިގެން މި ފިހާރަ މާލޭގައި ހުޅުވީ، ރާއްޖޭގެ މެރިން ބުޓީކް ކުންފުނިންނެވެ.
މެރިން ބުޓީކްގެ ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރު ހުސެއިދު ހަނީފް މިއަދު ވިދާޅުވީ، އެ ފިހާރަ ހުޅުވީ ޕްރީމިއަމް ބްރޭންޑުގެ ޗޮކްލެޓު އެއްތަނަކުން ލިބޭނެ ގޮތް ހެދުމަށް ކަމަށެވެ. އެގޮތުން އެ ފިހާރައިން ތަފާތު ވިއްސަށް ވުރެ ގިނަ ބްރޭންޑްތައް ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރެއިން 10 ވަރަކަށް ބްރޭންޑުގެ ޗޮކްލެޓް ރާއްޖޭގެ އެހެން ފިހާރައަކުން ނުލިބޭނެ ކަމަށާއި އެއީ އެ ފިހާރައިން އެކްސްކްލޫސިވްކޮށް ވިއްކާ ބްރޭންޑްތައް ކަމަށް އޭނާ ވިދާޅުވި އެވެ.
ޗޮކްލެތުގެ އަގު އެހެން ފިހާރަތަކަށްވުރެ ބޮޑުވި ނަމަވެސް، އޭގެ ކޮލިޓީ މޮޅުވާނެ ކަމަށް ހުސެއިދު ވިދާޅުވި އެވެ. އަދި އެހެން ފިހާރަތަކުގައި ވިއްކަން ހުންނަ ޗޮކްލެޓުތަކާ އަޅާބަލައިރު، އެ ފިހާރައިން ލިބެނުން ހުންނަ ޗޮކްލެޓުގެ ޕެކިން ތަފާތުވާނެ ކަމަށް ވެސް ހުސެއިދު ވިދާޅުވި އެވެ. އަދި ދަތުރުވެރިންނަށް ޚާއްސަކޮށްގެން ޕެކްކޮށްފައި ހުންނަ ޗޮކްލެޓް އެ ފިހާރައިން ލިބެން ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.