މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް 57 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ކޮރަޕްޝަންގެ މައްސަލަ ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީސް (ޕީޖީ) އަށް ފޮނުވާފައިވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

"ބައިނަލް އަގުވާމީ އެންޓި ކޮރަޕްޝަން" ދުވަހުގެ މުނާސަބަތުގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން އިއްޔެ ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ އެ ކޮމިޝަނުން މިދިޔަ މަހުގެ ނިޔަލަށް ޕީޖީ އަށް ފޮނުވި 57 މިލިއަން ރުފިޔާގެ މައްސަލަތަކުގެ ތެރޭގައި 40 މައްސަލައެއް ހިމެނޭ ކަމަށެވެ. އަދި އެ މައްސަލަތަކުގެ ތެރޭގައި 31.23 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް އެދިފައިވާނެ ކަމަށް ވެސް އޭސީސީ އިން ވަނީ ބުނެފަ އެވެ.

ނަމަވެސް އެ މައްސަލަތަކުގެ ތަފުސީލެއް އޭސީސީ އަކުން ބުނެފައެއް ނުވެ އެވެ.

އޭސީސީ އިން ބުނީ މި އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް 258 މައްސަލައެއް އެ ކޮމިޝަނުން ބަލައި ނިންމާފައިވާ ކަމަށެވެ. އަދި މި އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް 706 މައްސަލަ އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން 679 މައްސަލައެއް ބެލުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށާއި ބަލަން ނިންމި މައްސަލަތަކުގެ ތެރޭގައި އެ ކޮމިޝަނުން އިސްނަގައިގެން ބަލަމުން އަންނަ 120 މައްސަލައެއް ހިމެނޭ ކަމަށެވެ.

އޭސީސީ އިން ބުނީ އެކި އެކި ސަބަބުތަކާ ހުރެ 125 މައްސަލައެއް ބަލަން ނުފެންނަ ކަމަށް ނިންމާފައިވާނެ ކަމަށެވެ.

ކޮރަޕްޝަނާ މެދު މީހުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށާއި ނަމަވެސް ކޮރަޕްޝަން ހުއްޓުވުމުގައި ދަތިތަކެއް ހުރި ކަމަށް އެކޮމިޝަނުން ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ކޮރަޕްޝަންގެ އަމަލުތަކަށް އެންމެ ރަނގަޅު ފިޔަވަޅު އެޅުމުގައި ދިމާވާ ދަތިތަކުގެ ތެރޭގައި ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ މުހިންމު ކަންކަން ފުރިހަމަ ނުވުން ހިމެނޭ ކަމަށް ބުނެފައިވެ އެވެ.