ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރު މަގުމަތިން ވައްޓާލަން އެމްޑީޕީ އިން ނިންމާފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން އުތުރުގެ އަތޮޅުތަކަށް ކުރަމުން އަންނަ ވައުދުގެ ދަތުރުގައި ހއ. އިހަވަންދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިހާރު ވަރަށް ގިނަ ވާހަކަ ދެއްކިއްޖެ ކަމަށާއި ވަރަށް ގިނަ ދުވަހު ކެއްކުރިވިއްޖެ ކަމަށާއި މިހާރު އެމްޑީޕީގެ ހުރިހާ މެންބަރުންނަށް އެއްބަސް ވެވެނީ މަގުމަތިން ވެރިކަން ވައްޓާލުން ކަމަށެވެ. އަދި ވިދާޅުވީ މީގެ ކުރިން އެމްޑީޕީން ސަރުކާރު ވައްޓާލުމުގެ ވާހަކަ ނުދައްކައި ތިބީ ނުވަތަ އެކަމާ ނޫޅެތިބީ އެކަން ނުވާނެތީކީ ނޫން ކަމަށާއި އެކަންނުކޮށް މަޑުކޮށްގެން ތިބީ ރައްޔިތުންގެ ވިންދާ އެއްގޮތަށް އެކަން ކުރުމަށް ކަމަށެވެ.

"އަޅުގަނޑުމެން އެމްޑީޕީން ނިންމައިގެން މި ތިބީ މަގުމަތިން ވެރިކަން ބަދަލުކުރަން. އަޅުގަނޑުމެން އެކަން މިއަދާހަމަ އަށް އައިރު ވެސް ކުރުމުގެ ވާހަކަ ވެސް އަދި ނުކޮށް ވެސް މިތިބީ އެކަމަކީ އަޅުގަނޑެމެނަށް ނުކުރެވޭނެ ކަމަކަށް ވެގެނެއްނޫން. އަޅުގަނޑުމެން ބޭނުންވީ އެމްޑީޕީ އަށް ބޭނުންވީ ރައްޔިތުންގެ ހިޔާލާއި ފިކުރުގެ ތެރެއިން އުފެދިގެން އަންނަ ކަމެއް ކުރުމަށް." ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް ނަޝީދު ވިދާޅުވީ މިހާރު މި އޮތް ސަރުކާރު އޮވެގެން އިންސާފުވެރި އިންތިހާބެއް ބޭއްވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އަދި ވަކިން ހާއްސަކޮށް މިހާރު މި އޮތް ސަރުކާރުން އެ މަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ކަންތައްތައް މަގުފަހި ކުރާނެ ކަމަށް އެމްޑީޕީ އާއި ރާއްޖޭގެ ގިނަ ރައްޔިތުން ގަބޫލު ކުރާ ކަމަށެވެ. އަދި ވިދާޅުވީ މިހާރު މި އޮތް ސަރުކާރަކީ ބަޣާވާތަކުން ވެރިމަށް އައިސްފައިވާ ސަރުކާރެއް ކަމަށާއި އެހެން ކަމުން އެފަދަ ސަރުކާރަކުން އިންސާފުވެރި ފަނޑިޔާރުގެއެއް ވެސް ނުބަހައްޓާނެ ކަމަށެވެ. އެހެން ކަމުން މިހާރު އެއްބަސް ވެވެނީ މަގުމަތީން ސަރުކާރު ވައްޓާލުން ކަމަށް ނަޝީދު ވިދާޅުވި އެވެ.


ނަޝީދު ވިދާޅުވީ އެމްޑީޕީން މަގުމަތިން ވެރިކަން ވައްޓާލަން ނިކުންނަ އިރު މުޅި ދުނިޔޭގެ ސަމާލުކަމަށް އެކަން ގެންނާނެ ކަމަށާއި އެގޮތުން އަވައްޓެރި އިންޑިއާ އާއި ސްރީލަންކާގެ ސަމާލު ކަމަށް ވެސް އެކަން ގެންނާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ބިރު ކެނޑިފައިވާ ބައެއް ކަމަށާއި ސިފައިން ނުވަތަ ފުލުހުން ޖަހާފާނެ ވަޒަނަކަށް ބިރު ނުގަންނަ ކަމަށެވެ. އަދި ސިފައިންނަށް ކެރޭ ކަމަށްވާ ނަމަ އެކަން ކުރުމަށް ވެސް ނަޝީދު ގޮވާލެއްވި އެވެ.