10 Dec 2012, 11:57
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭކުޅުނު މަންޗެސްޓާ ޑާބީ ފޯރިގަދަ މެޗުގައި ރޫނީގެ ދެ ލަނޑާ އެކު މެޗުގެ އިތުރު ވަގުތުގައި ވެމްޕާސީ ޖެހި ލަނޑާ އެކު ތިން ލަނޑު ދެ ލަނޑުން ސިޓީ ބަލިކޮށް މަންޗެސްޓާ ޔުނައިޓެޑް މެޗު ކާމިޔާބު ކޮށްފި އެވެ.
މަންޗެސްޓާ ސިޓީގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ 16 ވަނަ މިނިޓު އަދި 28 ވަނަ މިނިޓުގައި ކާމިޔާބު ކުރި ދެ ލަނޑާ އެކު ޔުނައިޓެޑުން ވަނީ ލީގު ޗެމްޕިއަނުންގެ މައްޗަށް މެޗުގެ ކޮންޓޯލް ހޯދައިފަ އެވެ. ފުރަތަމަ ހާފުގައި ސިޓީ އަށް މާ ރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް ދެ ވަނަ ހާފު ފެށިގެން ފަސް ވަރަކަށް މިނިޓު ހިނގި ފަހުން ސިޓީގެ ކޯޗު ވަނީ ކުޅުން ވަރުގަދަ ކުރުމަށް ޓަކައި މާރިއޯ ބަލެޓޮއްލީގެ ބަދަލުގައި ކާލޯޒް ޓެވޭޒް ކުޅެން އަރުވައިފަ އެވެ.
އަދި މި ބަދަލާ އެކު ސިޓީގެ ކުޅުން ރަނގަޅުވެ ޓެވޭޒްދިން ރީތި ޕާހަކުން 60 ވަނަ މިނިޓުގައި ޔާޔާ ޓޯރޭ ވަނީ މެޗުގެ ނަތީޖާއެކެއް ދޭކަށް ބަދަލުކޮށްފަ އެވެ. ސިޓީން 86 ހަ ވަނަ މިނިޓުގައި މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ޓެވޭޒް ދިން ޕާހަކުން ޕަބްލޯ ޒަބަލޭޓާ އެވެ. އެހެން ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނިޓުގެ އެންމެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ސިޓީގެ އޭރިޔާގެ ބޭރުން ޔުނައިޓެޑަށް ލިބުނު ހިލޭޖެހުމަކުން މެޗުގެ ނަތީޖާ ދޭއް ތިނަކަށް ބަދަލުކޮށްދިނީ ރޮބީ ވެމްޕާސީ އެވެ.
ރޭގެ މެޗުގެ ކާމިޔާބީއާ އެކު 39 ޕޮއިންޓު ހޯދައިގެން ޓޭބަލްގެ އެންމެ ކުރީގައި ޔުނަޓެޑް މިހާރު އޮތީ ސިޓީގެ މައްޗަށް ހަ ޕޮއިންޓުގެ ލީޑެއް ހޯދައިފަ އެވެ. ލީގުގެ ދެ ވަނައިގައި ސިޓީ އޮތީ 33 ޕޮއިންޓާ އެކުގަ އެވެ. އަދި 29 ޕޮއިންޓު ހޯދައިގެން ތިން ވަނައިގައި އޮތީ ޗެލްސީ އެވެ.
ރޭގެ މެޗުގެ ފަހުވަގުތު ކޮޅުގެ ތެރޭގައި ޔުނައިޓެޑްގެ ރިއޯ ފާޑިނެންޑުގެ މޫނުމަތިން ވަރަށް ބޮޑަށް ލޭއަންނަ މަންޒަރު ވެސް ފެނުނެވެ. ލަފާ ކުރެވޭ ގޮތުގައި އެއީ ކުޅިބަލަން ތިބި މީހުންގެތެރެއިން ހޫރާލި އެއްޗަކުން ޖެހިގެން ލިބުނު ޒަހަމެކެވެ. މި މައްސަލައިގައި މަންޗެސްޓާ ސިޓީން ވަނީ ޔުނައިޓެޑާއި އަދި ރިއޯގެ ކިބައިން ވަރަށް ބޮޑަށް މަޢާފަށް އެދިފަ އެވެ. އަދި ފާޑިނަންޑް އަށް ހަމަލާ ދިން މައްސަލަ މިހާރު އިނގިރޭސި އެފްއޭއިން ދަނީ ތަހުގީގު ކުރަމުން ނެވެ.
މި ލީގުގައި ރޭ އިތުރު ދެ މެޗެއް ވެސް ކުޅެވުނެވެ. އެވަޓަންގެ ދަނޑުގައި ޓޮޓްންހަމް ބައްދަލު ކުރި މެޗު ދޭއް އެކަކުން ކާމިޔާބު ކުރީ އެވަޓަން އެވެ. އަދި ވެސްޓްހޭމްގެ ދަނޑުގައި އެ ޓީމު ލިވަޕޫލާ ބައްދަލުކުރި މެޗު ތިނެއް ދޭކުން ކާމިޔާބު ކުރީ ލިވަޕޫލް އެވެ.