ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަސް ފަހަރެއްގެ މަތިން ކޯރަމް ގެއްލި، އެންމެ ފަހުން ޖަލްސާ ކުރިއަށް ނުގެންދެވިގެން ހުއްޓާލައިފި އެވެ.

މި ހަފްތާގެ ފުރަތަމަ ޖަލްސާ މިއަދު ހެނދުނު 9:00ގައި ފެށިއިރު، ކޯރަމް ހަމަވާ ވަރަށް މެންބަރުން ތަޅުމުގައި ނެތެވެ. ދެން ޖަލްސާ ފެށީ 9:30 ގަ އެވެ. މަޖިލީހަށް މިއަދު ހުށަހެޅި ގަރާރެއްގެ އިބްތިދާއީ ބަހުސް ކުރިއަށް ދަނިކޮށް އަނެއްކާ ވެސް ކޯރަމް ގެއްލިގެން ޖަލްސާ ހުއްޓާލި އެވެ. ދެން ޖަލްސާ ފަށަން ނިންމީ 10:15ގަ އެވެ. ނަމަވެސް ކޯރަމް ހަމަނުވެގެން މިއަދު މެންދުރު 11:00 ފަށަން ފެށުމަށް ފަހު ހުސްވަގުތުކޮޅަށް މެދުކަނޑާލުމަށް ފަހު މެންދުރު ފަހު ޖަލްސާ ފަށަންބެލި އިރު ކޯރަމް ހަމަވާ ވަރަށް 20 މެންބަރުން މަޖިލީހުގެ ތަޅުމުގައި ނެތެވެ.

މެންދުރު ފަހު ކޯރަމް ހަމަނުވުމުން، ރިޔާސަތުގައި އިއްނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ މިއަދުގެ ޖަލްސާ މިހާހިސާބުން ނިންމަވާލެއްވީ ކަމަށާއި ދެން މަޖިލިސް އޮންނާނީ މާދަމާ ހެނދުނު 9:00ގައި ކަމަށެވެ.

މިއަދުގެ ޖަލްސާ އެކިފަހަރުމަތިން މެދުކަނޑާލުމަށް ފަހު ޖަލްސާ އަށް މުޅި ޖުމްލަ ހޭދަވެފައި ވަނީ ގަޑިއެއްހާއިރެވެ. އެއީ އެމްޑީޕީ މަޖިލީހަށް ހުށަހެޅި ގަރާރެއްގެ ބަހުސްގެ މަރުހަލާ އެވެ.

އެ ގަރާރަކީ މަނަދޫ ދާއިރާގެ މެންބަރު މުހައްމަދު ތާރިގު ހުށަހަޅުއްވި ގަރާރެކެވެ. މަލީޝާ ހައްޖު އެންޑް އުމްރާ ޖަމާއަތުން އެތައްބަޔެއްގެ އަތުން މަކަރާއި ހީލަތުން ފައިސާތަކެއް އަތުލާފައިވާތީ އެ މީހުންނަށް އެހީތެރިވެދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހެޅި ގަރާރުގެ ބަހުސްގައި ވާހަކަފުޅު ދެއްކެވީ އެންމެ ހަތް މެންބަރުންނެވެ.

މަޖިލީހުގެ ޖަލްސާގައި ގިނަ ފަހަރެއްގެ މަތިން ކޯރަމް ހަމަނުވެގެން ޖަލްސާ ހުއްޓާލައިފައިވާ އިރު، މަޖިލީހުގެ ކޯރަމަކީ 77 މެންބަރުން 25 ޕަސެންޓެވެ. އެއީ 20 މެންބަރުންނެވެ.