10 Dec 2012, 11:01
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ކައިރީގައި ހުންނަ އެމްޓީސީސީގެ އިމާރާތް ތަޅާލުމަށް ފަހު އެ ތަނުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް ޝައުގުވެރިވާ ބަޔަކު ހޯދުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނިން ބުނީ ބިލްޑް އޮޕްރޭޓް ޓްރާންސްފާގެ އުސޫލުން އެ އިމާރާތް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިއަންނަ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އަދި އެކަމަށް އެދި ހުށައެޅުމުގެ ފުރުސަތު ރާއްޖޭގެ ކުންފުނިތަކަށާއި ރާއްޖެ އިން ބޭރުގެ ފަރާތްތަކަށް ވެސް ހުޅުވާލާފައިވާ ކަމަށެވެ. އަދި ބުރީ އެ ޕްރޮޖެކްޓާ ބެހޭ ގޮތުން މައުލޫމާތު އެރުވުމަށް ބާއްވާ ޕްރީބިޑް މީޓިން މި މަހުގެ 19 ވަނަ ދުވަހު އެމްޓީސީސީގެ އޮފީހުގައި އޮންނާނެ ކަމަށެވެ.
އެމްޓީސީސީން އަލަށް އެޅުމަށް ނިންމާފައިވާ ކޯޕަރޭޓް ޓަވަރު އަލުން ބިޑަށް ހުޅުވާލަފަިއވާ އިރު އެ ކުންފުނިން މީގެ ކުރިން ފުރުސަތު ހުޅުވާލުމުން އެކަމަށް އެދި 10 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ. އެމްޓީސީސީން މީގެ ކުރިން ބުނެފައި ވަނީ އެޓަވަރަކީ 10 ބުރިއަށް އަޅާ ޓަވަރެއް ކަމަށާއި އެ ޕްރޮޖެކްޓަށް 60 މިލިއަން ރުފިޔާ އިންވެސްޓްކުރަން ޖެހޭނެ ކަމަށެވެ. އަދި އެމްޓީސީސީން ނިންމާފައި ވަނީ އިންވެސްޓްކުރާ ފަރާތްތަކަށް ޓަވަރުގެ ހަ ފްލޯއެއް 20 އަހަރަށް ދިނުމަށެވެ.