ވިލިމާލޭ ގެސްޓް ހައުސްއެއްގައި އުޅުނު އެމެރިކާ މީހަކު ގެންގުޅުނު ލެޕްޓޮޕަކާއި ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނުތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ ވަނަ ފުރުސަތުގެ ދަށުން ދޫކޮށްފައި ހުރި މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ވިލިމާލެ ގެސްޓް ހައުސްއެއްގައި އުޅުނު އެމެރިކާ މީހާ ގެންގުޅުނު 30،000ރ.ގެ އަގުހުރި އެޕަލް މެކްބުކް ލެޕްޓޮޕާއި އެކްސްޓާނަލް ހާޑް ޑިސްކަކާއި އެހެނިހެން އިލެކްޓްރޯނިކް ސާމާނުތަކެއް ވަގަށް ނެގި މައްސަލައެއްގައި އުމުރުން 27 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި މި މަހުގެ ފަސް ވަނަ ދުވަހު އެމީހާ ހައްޔަރު ކުރީ ވަގަށް ނެގި ސާމާނުތައް ވިއްކުމަށް ޓަކައި އެހެން މީހަކާ ހަވާލުކޮށްފައިވަނިކޮށް ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އަދި ވަގަށް ނެގި ބައެއް ތަކެތި ފެނިފައި ވަނީ ހައްޔަރު ކުރި މީހާ ދިރިއުޅޭ ގޭގައި ފޮރުވާފައި ހުއްޓައި ކަމަށް ވެސް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ އެމީހާއަކީ ދެވަނަ ފުރުސަތުގެ ދަށުން މިދިޔަ އަހަރު ދޫކޮށްލާފައި ހުރި މީހެއް ކަމަށެވެ.