އަހަރު ދުވަހުގެ ތެރޭގައި އެންމެ ގިނަ ގޯލްޖެހި ކުޅުން ތެރިޔާގެ ރެކޯޑް ސްޕެއިންގެ ބާސެލޯނާ އަށް ކުޅޭ އާޖެންޓީނާގެ މަޝްހޫރު ލިއޮނަލް މެސީ ހޯދައިފި އެވެ. މި އަހަރު 86 ގޯލް ޖަހައިގެން މެސީ ރެކޯޑް މުގުރާލީ އާދީއްތަ ދުވަހުގެ ރޭ ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް އާ ދެކޮޅަށް ބާސާ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އޭނާ ޖެހި ދެގޯލާ އެކުގަ އެވެ. މި މެޗުން ބާސާ މޮޅުވީ ދެލަނޑު އެއް ލަނޑުން ނެވެ.

އަހަރު ދުވަހުގެ ތެރޭގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް މީގެ ކުރިން އޮންނަނީ 1972 ވަނަ އަހަރު 85 ލަނޑާ އެކު މި ރެކޯޑް ހެދި ޖަރުމަނުގެ ގާޑް މުލާ އަތުގަ އެވެ. މުލާ ވަނީ އެ އަހަރު ބަޔާން މިއުނިކަށް 72 ލަނޑު އަދި ގައުމީ ޓީމަށް (ވެސްޓް ޖާމަނީ) އަށް 13 ލަނޑު ކާމިޔާބު ކޮށް ދީފަ އެވެ. އޭރު އޭނާގެ އުމުރަކީ 27 އަހަރެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހާސިލު ކޮށްފައިވާ މެސީ މިދިޔަ ބުދަ ދުވަހުގެ ރޭ ޔުއެފާ ޗެމްޕިއަންސް ލީގުގައި ބެންފިކާއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާގެ ވާތު ކަކުލަށް ލިބުނު އަނިޔާއާ އެކު ދަނޑުން ބޭލުމުން، ގިނަދުވަސްތަކަކަށް ކުޅުމާ ދުރައްދާން ޖެހިދާނެ ކަމުގެ ބިރާ އެކު މުލާގެ ރެކޯޑު މުގުރާލަން އޭނާ ކުރަމުންދާ މަސައްކަތައް އެޅިދާނޭ ކަމަށް ބެލެވުނެ ވެ. އެހެން ނަމަވެސް އޭނާގެ ކަކުލަށް ލިބުނު އަނިޔާ އަކީ އެހާ ސީރިއަށް އަނިޔާ އަކަށް ނުވާތީ ބެޓިސް އާ ދެކޮޅަށް ކުޅެން ނުކުތީ އެވެ.

އެއް އަހަރު ދުވަސް ތެރޭގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑް އުމުރުން 25 އަހަރުގެ މެސީ ހޯދި އިރު 66 މެޗު ކުޅެގެން އޭނާ ވަނީ ބާސާ އަށް 74 ލަނޑު އަދި އާޖެންޓީނާގެ ގައުމީ ޓީމަށް 12 ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. އަދި މިއަހަރު ނިމުމުގެ ކުރިން އިތުރު ގޯލްތަކެއް ޖަހައިގެން ރެކޯޑް ފުޅާ ކުރުމަށްޓަކައި އޭނާއަށް ލީގު ދެމެޗާއި ކިންގް ކަޕް މެޗެއް ކުރިއަށް އެބަ އޮތެވެ.

"އަހަރެން އަބަދުވެސް ދައްކާ ވާހަކައެއް މީ. ރެކޯޑް ހެދުނީމަ ހިތްހަމަ ޖެހޭ. އެކަމަކު މެޗުތަކުން މޮޅުވެ އެހެން ޓީމުތަކަށް ވުރެ ކުރީގައި އަހަރުމެންގެ ލީޑު ދެމެހެއްޓުމަކީ އެއަށް ވުރެ މާ މުހިއްމު ކަމެއް،" މެޗަށް ފަހު ސްޕެއިންގެ ޓީވީ ޗެނަލެއް ކަމުގައިވާ ކެނާލް ޕްލަސް އަށް ވާހަކަ ދައްކަމުން މެސީ ބުންޏެވެ.

"އަހަރު ފެށުމާ އެކު އަހަރެންގެ އުއްމީދަކަށް ވެފައި އޮންނަނީ ޓީމާ އެކުގައި ލީގުގައި ކިންގްސް ކަޕް އަދި ޗެމްޕިއަންސް ލީގުގައި ވެސް ހުރިހާ ކަމެއް އަލުން ހާސިލް ކުރުން. އަހަރެން ފަށަނީ އަބަދު ވެސް މިހުރިހާ ކަމެއް ސިކުނޑީގައި ބަހައްޓައިގެން." މެސީ އިތުރަށް ކިޔައި ދިނެވެ.

ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާގެ އަންޑްރޭ އިނިއެސްޓާ އާއި އެކު މެސީ ވަނީ ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް މިއަހަރު ޝޯޓްލިސްޓް ކޮށްފައިވާ ތިން ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނިފަ އެވެ.