10 Dec 2012, 10:20
ތިމާވެއްޓާ ރަހުމަތްތެރި ގޮތެއްގައި މަސްވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ރައީސް ވަހީދު މިހެން ވިދާޅުވީ މިއަދަކީ ރާއްޖޭގެ މަސްވެރިންގެ ދުވަސްކަމަށް ވާތީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތޯބެއްގަ އެވެ.
ރައީސް ވިދާޅުވީ ތިމާވެއްޓަށް ގެއްލުންދޭ ގޭސް ބޭނުންކުރުން ހުއްޓުވުމަށް ސަރުކާރުން އެކުލަވައިލާފައިވާ ސިޔާސަތުގެ ދަށުން މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެކި ކުންފުނިތަކުން ވެސް މަސް ޕްރޮސެސް ކުރުމާއި މަސް ފިނިކޮށް ރައްކާކުރުމުގައި ބޭނުންކުރާ ގޭހުގެ ބަދަލުގައި ތިމާވެއްޓާ ރަހުމަތްތެރި ގޭސް ބޭނުންކުރަން ފެށުމަކީ މިވަގުތު އަހަންމިއްޔަތުކަން ދޭންޖެހިފައިވާ ކަމެއް ކަމަށެވެ.
ފާނައިގެ މަސްވެރިކަން ތަރައްގީ ކުރުމަށް ފިޝަރީޒް މިނިސްޓްރީން ކުރަމުން ގެންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ ފާނަ މެނޭޖްމަންޓް ޕްލޭނެއް އެކުލަވައިލެވި، އެ ޕްލޭނަށް އަމަލުކުރުމުގެ ތައްޔާރީތައް ވަމުންދާ އިރު، މިއީ ރާއްޖޭގައި މިވާ ގުދުރަތީ މަދު ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އެޅޭނެ ވަރަށް ހަރުދަނާ ފިޔަވަޅެއް ކަމަށެވެ.
"ހަމައެއާ އެކު، ފާނައިގެ މަސްވެރިކަން ތަރައްގީ ކުރެއްވުމަށް ވެސް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް އަޅުގަނޑު ހަނދާންކުރަމެވެ. ފާނަ މެނޭޖްމަންޓް ޕްލޭނެއް އެކުލަވައިލެވި، އެ ޕްލޭނަށް އަމަލުކުރުމުގެ ތައްޔާރީތައް ވަމުންދާ އިރު، މިއީ ރާއްޖޭގައި މިވާ ގުދުރަތީ މަދު ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އެޅޭނެ ވަރަށް ހަރުދަނާ ފިޔަވަޅެއްކަން ޔަގީނެވެ،" ރައީސް ވިދާޅުވި އެވެ.
މިވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ މަސްވެރިކަން ތަރައްގީ ކުރުމާއި މަހުގެ އުފެއްދުންތައް އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި އެކަމުގެ ނަތީޖާ މިއަދު ފެންނަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރާއްޖޭގައި ދޮށީގައި ކުރެވޭ ކަނޑުމަހުގެ މަސްވެރިކަމަށް މެރިން ސްޓްވަރޑް ކައުންސިލް (އެމްއެސްސީ)ގެ ސެޓްފިކެޓް ލިބުނުކަމީ ރާއްޖެ އަށް ލިބިގެންދިޔަ ވަރަށްބޮޑު ފަޚުރެއް ކަމަށާއި މި ސެޓްފިކެޓް ރާއްޖެ އަށް ލިބުމަކީ މަސްވެރިކަމުގެ އުފެއްދުންތަކަށް މިހާރަށް ވުރެ މަތީ އަގު ލިބޭނެގޮތް ތަނަވަސްވެގެންދާނޭ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސްގެ ޚިތޯބުގައި މަސްވެރިކަމުން ރާއްޖެ ހާސިލްކުރި ކާމިޔާބީ ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި ސަރުކާރަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވުމަށް މަސްވެރިންނަށާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރާ ފަރާތްތަކަށް އިލްތިމާސް ކުރެއްވި އެވެ.
ރާއްޖޭގައި މަސްވެރިންގެ ދުވަހެއް ފާހަގަކުރަން ފެށުނީ މީގެ 31 އަހަރު ކުރިން 1981 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.