ރާއްޖޭގެ މަސްވެރިކަން ތަރައްގީކުރަން އެކަމަށް ކުރާ ހޭދަ ބޮޑު ކުރަން ޖެހޭ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވެއްޖެ އެވެ.

މިއަދަކީ މަސްވެރިންގެ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަ ކުރަމުން އަންނަ ދުވަހެވެ.

ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު ޝަފީއު ރޭ ވިދާޅުވީ މަސްވެރިކަމަށް އައިސްފައިވާ ހީނަރު ކަމާ އެކު މަސްވެރިކަން އިތުރަށް ތަރައްގީކޮށް ކުރިއަރުވާ އެކަށީގެންވާ ހިސާބެއްގެ މާކެޓްތަކާ ހަމައަށް ދިއުމަށް މަސްވެރިކަމަށް ކުރާ ހޭދަ މިހާރަށް ވުރެ ބޮޑު ކުރަން ޖެހިފައިވާކަން ގަބޫލު ކުރައްވާ ކަމަށެވެ.

"މަސްވެރިކަމަށް އައި ހީނަރު ވުމާ އެކީގައި އަޅުގަނޑުމެންނަށް އެކަމަށް ކުރަން ޖެހޭ ހޭދަ އިތުރަށް ބޮޑު ކުރަން ވެފައި އޮތީ. އަޅުގަނޑު ވެސް ގަބޫލު ކުރަން އެކަށީގެންވާ ވަރަށް އަޅުގަނޑުމެންނަށް މާކެޓާ ހިސާބަށް އަޅުގަނޑުމެން ދިއުމަށް އެކަށީގެންވާ ހޭދަތަކެއް ނޫނީ އެކަށީގެންވާ ވަރެއްގެ ބަޖެޓެއް ވެސް އަޅުގަނޑުމެންނަށް އެކަން ކުރުމަށްޓަކައި ލިބިގެނެއް ނުދޭ." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މަސްވެރިކަން ކުރިއަރުވައި ތަރައްގީ ކުރުމަށް އެކަމަށް ބައިވެރިވާން ޖެހޭ ފެއާތަކުގައި ބައިވެރި ވުމަށް އަދި މަސްވެރިކަން ތަރައްގީ ކުރުމަށް ބޭނުންވާ ބަޖެޓް މިހާރު ރައްޔިތުންގެ މަޖިލީހަށް ފޮނިވާފައިވާ ދައުލަތުގެ 2013 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ވާނެ ކަމަށެވެ. އެހެން ނަމަވެސް ބަޖެޓް ފާސްވެގެން އަންނައިރު އެއްވެސް އިރެއްގައި މިނިސްޓްރީން ހިމަނާފައިވާ ވަރަށް ބަޖެޓް ނުލިބޭ ކަމަށެވެ. އަދި ބަޖެޓް ފާސްވެގެން އަންނަ އިރު ވަރަށް ބޮޑުބައި އުނިވެފައި ހުންނަކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މަސްވެރިންގެ ފަރާތުން އެންމެ ގިނައިން ލިބެމުން އަންނަ ޝަކުވާ އަކީ މަސް ފިނި ކުރުމަށް ބޭނުންވާ އައިސް ގިނަ ތަންތަނުން ނުލިބުމުގެ ޝަކުވާ ކަމަށެވެ. އެކަމުގެ ސަބަބުން މަސް ގަންނަ ފަރާތާ ހަމައަށް އަންނަ އިރު މަހުގެ ތާޒާކަން ކުޑަ ވުމުގެ ސަބަބުން ހަމައަގުގައި މަސް ނުވިކޭ ކަމަށެވެ. އެހެން ނަމަވެސް އެކަމަށް ވެސް އަވަސް ހައްލެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މަސްވެރިންގެ ފަރާތުން އެންމެ ގިނައިން ލިބެމުން އަންނަ ޝަކުވާ އަކީ ގިނަ ތަންތަނުން އައިސް ފަސޭހައިން ލިބެން ނުހުންނަ މައްސަލަ. ދެން އެކަމުގައި ވެސް އަޅުގަނޑުމެންނަށް ކޮންމެސް ވަރެއްގެ ހައްލުތަކަކަށް ދިއުމަށް އައިސް ޕްލާންޓްތައް ގާއިމް ކުރުމަށްޓަކާ މިއަހަރު ވެސް އަޅުގަނޑުމެންނަށް ލޯނުގެ ފުރުސަތުތަކެއް ހުޅުވާލެވުނު. މިހާރު ވެސް އެބަހުރި އެކަމަށްޓަކައި ފައިސާ ކޮންމެވެސް ވަރަކަށް ހަމަޖެހިފައި. އެ ލޯނަށް ވެސް އަޅުގަނޑުމެން އިއުލާން ކޮށްލައިގެން އެބަ ކުރިއަށް ގެންދަން،"

މިއަދަކީ މަސްވެރިންގެ ދުވަސް ކަމަށް ވުމާ އެކު މިނިސްޓަރު ވަނީ ރާއްޖޭގެ ހުރިހާ މަސްވެރިންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވައިފަ އެވެ. އަދި މިއަދު ރާއްޖޭގެ މަސްވެރިކަން ދުނިޔޭގެ ފެންވަރުގައި ބަލައި ގަނެފައިވާ ކަމަށާއި އެހެން ކަމުން ދިވެހިންނަށް މަސްވެރިކަމުގައި ލިބުނު މި ޝަރަފު ރައްކާތެރިކޮށް ޒިންމާދާރުކަމާ އެކު މަސްވެރިކަން ކުރުމަށް ހުރިހައި މަސްވެރިންގެ ކިބައިން މިނިސްޓަރު އެދިވަޑައި ގަތެވެ.