ރައްޔިތުންނަށް ބޭނުންކުރެވޭ ފަދަ ހެޔޮ އަގެއްގައި ސިއްހީ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ޑީއާރުޕީން ސަރުކާރަށް ގޮވާލައިފި


ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ، ގެވެށި އަނިޔާތައް ހުއްޓުވުމާ ބެހޭ ބިލާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ޑީއާރުޕީގެ އަންހެނުން ގޮފީގެ ރައީސާ ދުންޔާ މައުމޫނު މިއަދު ވިދާޅުވީ،


އެ ބިލަށް ބޭނުންވާ މައުލޫމާތު ހޯއްދެވުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭއްވި ބައްދަލުވުންތަކުން،  ސަރުކާރުގެ ޕްރައިވެޓައިޒް ސިޔާސަތުގެ ސަބަބުން ހިދުމަތް ހޯދުމަށް ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާން ޖެހޭކަން އެނގިގެން ގޮސްފައިވާ ކަމަށެވެ. އަދި ސަރާރުގެ އަމަލުތައް ހުރި ގޮތުން ރައްޔިތުންނަށް ހިދުމަތް ހޯދުމަށް ދަތިވަމުންދާ ކަމަށާއި އެ ފަރާތްތަކުން އެންމެ ބޮޑަށް ޝަކުވާ ކުރަމުން ދަނީ، ސިއްހީ އަސާސީ ހިދުމަތުގެ އަގުތައް މައްޗަށް ދިއުމުގެ ސަބަބުން ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ. އަދި ސިއްހީ ފަރުވާ ހެޔޮ އަގެއްގައި ރައްޔިތުންނަށް ފޯރުވައި ދިނުމަކީ މުހިއްމުކަމެއް ކަމަށާއި ދަރިމައިވުމުގެ ސިއްހަތާގުޅޭ ގިނަ ކަންތައްތަކަކީ ވަރަށް ގިނަ ގައުމުތަކުގައި ހިލޭ ދެމުން އަންނަ ހިދުމަތްތަކެއް ކަން ވެސް ދުންޔާ ފާހަގަ ކުރެއްވި އެވެ.


ދުންޔާ އަދި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ދައުރުގައި، ގެވެށި އަނިޔާތައް ހުއްޓުވުމާ ބެހޭ ބިލް ނިމި އޭގައިވާ ހައްގުތައް ރައްޔިތުންނަށް ލިބިދެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށެވެ. އަދި އެ ބިލު ބައްޓަންވެފައި ވާނީ ގެވެށި އަނިޔާތައް ލިބެމުންދާ ފަރާތްތަކަށް ފުރިހަމަ އަށް ހިމާޔަތް ލިބޭ ގޮތަށް ކަމަށާއި އެފަދަ އަނިޔާކުރާ ފަރާތްތަކާ މެދު ދައުވާކުރެވި، އަދަބު ދިނުމަށް ބިލުގައި ހިމަނާފައިވާނެ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ. އަދި އެ ބިލު ފަރުމާކޮށްފައި ވާނީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ ކިޔާލު ވީވަރަކުން ހިމަނުއްވައިގެން ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.  


ދުންޔާ ވިދާޅުވީ، ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ޑީއާރުޕީގެ ފަރާތުން ކުރިމަތިލުމަށް ހާހަކަށް ވުރެ ގިނަ މީހުން ހުށަހަޅާފައިވާ އިރު އޭގެ ތެރެއިން ދިހަ ޕަސެންޓަކީ އަންހެނުންކަމަށެވެ. އަދި އެއީ އަންހެނުންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަ ކުރައްވައި، އިންތިހާބުގައި ވާދަކުރައްވާ އަންހެން ބޭފުޅުންނަށް އަންހެނުންގެ ގޮފިން އެހީތެރިވެދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


މިކަމާ ބެހޭ ނިއުސް ކޮންފަރެންސް ކަވަރު ކުރުމަށް އެމްއެންބީސީ ވަންގެ ފަރާތުން ޑީއާރުޕީ އޮފީހަށް ދިޔަ ނަމަވެސް ނިއުސްކޮންފަރެންސަށް ދައުވަތު ދީފައި ނުވާނެ ކަމަށް ބުނެ ނިއުސްކޮންފަރެންސް ކަވަރު ކުރުމަށް ފުރުސަތު ނުދީ އެމީހުން ވަނީ ފޮނުވާލައިފަ އެވެ.


ޑީއާރުޕީގެ މީޑިޔާ ކޯޑިނޭޓަރު އަލީ ސޯލިހު ވިދާޅުވީ، އެމްއެންބީސީ ވަން އަށް އެފުރުސަތު ނުދިނީ، އެމްއެންބީސީ ބޮއިކޮޓް ކުރުމަށް ޕާޓީ ކައުންސިލުން ނިންމާފައިވާތީކަމަށެވެ.