09 Dec 2012, 23:20
ބޮލީވުޑުގެ ފިލްމުތަކުގެ މިއުޒިކު އުފެއްދުމުގައި މަޝްހޫރު ހިމޭޝް ރޭޝަމިޔާ ބުނާ ގޮތުގައި އަމިއްލަ ކުރިއެރުމާ މެދު ވާހަކަ ދެއްކުމަކީ އޭނާ ބޭނުން ވާ ކަމެއް ނޫނެވެ. ހިމޭޝް ރޭޝަމިޔާ ބުނީ "އަހަރެން އަމިއްލައަށް އަހަރެންގެ ކާމިޔާބީއާ މެދު ވާހަކަ ނުދެއްކިޔަސް، މީހުންނަށް އެނގޭނެ." ކަމަށެވެ.
ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ހިމޭޝް ރޭޝަމިޔާއަކީ މިއުޒިކު އުފެއްދުމުގައި އެހައި ކާމިޔާބު ފަރާތެއް ނޫނެވެ. އެހެން ނަމަވެސް ހިމޭޝް ރޭޝަމިޔާ ވަނީ އޭނާގެ އުފެއްދުންތަކަށް ލިބޭ ތަރުހީބާ މެދު ހިތްހަމަ ޖެހޭ ކަމަށް ބުނެފައެވެ. އޭނާގެ 550 އަށް ވުރެ ގިނަ ލަވައަށް އާންމުންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ލިބިފައިވާތީ އެއީ އޭނާގެ ކާމިޔާބީ ކަމަށް ހިމޭޝް ވަނީ ބުނެފައެވެ.
"އަހަރެންގެ ލަވަތަކުގެ މަގުބޫލުކަން އެންމެންނަށް ވެސް އެނގޭނެ. މިކަމާ މެދު އަހަރެން ވާހަކަ ދައްކާކަށް ނުޖެހޭ. މިހާ ގިނަ ލަވަ އާންމުންގެ މެދުގައި މަގުބޫލުވުމަށް ފަހު ވެސް ބަޔަކު އަހަންނާ މެދު ތުހުމަތު ކުރަންޏާ ބުނާން ޖެހެނީ އެމީހުންނަށް ނޭނގެނީއޭ." ހިމޭޝް ބުންޏެވެ.
ހިމޭޝް އިތުރަށް ބުނި ގޮތުގައި ނޯށުން ލަވަ ކިޔުމަކީ ވެސް މައްސަލައެއް ނޫނެވެ. އަދި މިހާރު ދުނިޔޭގައި ދަނީ ނޯށުން ކިޔާ ލަވަޔަށް ބޮޑު ތަރުހީބެއް ލިބެމުން ކަމަށް ވެސް ހިމޭޝް ބުންޏެވެ. ނޯށުން ލަވަކިޔާ ކަމަށް ބުނެ ވެސް ވަރަށް ގިނަ ބައެއްގެ ފާޑު ކިޔުންތައް ހިމޭޝް ރޭޝަމިޔާއަށް އަމާޒުވެފައިވެއެވެ.