09 Dec 2012, 22:59
ހިތްވަރު ބޯޓުން ދަތުރު ކުރި ދެ މީހަކު މަރުވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފް އިން މިރޭ ބުނީ ކޯސްޓްގާޑްގެ ފަރާތުން ސ. މަރަދޫ ހިތްވަރު ބޯޓުގެ ކެޕްޓަނާ ވާހަކަ ދެއްކުމުން ހިތްވަރު ބޯޓް އަޑިއަށް ދިއުމާ ގުޅިގެން ބޯޓްގައިތިބި އެންމެން ބޯޓުގެ ޑިންގީ އަށް އަރައި ތިބީކަމަށް ބުނި ކަމަށެވެ. އަދި ލަންކާގެ މަސްބޯޓް އެމީހުންނާ ހަމައަށް އައުމުގެ ކުރިން ބޯޓުން ދަތުރު ކުރި ގދ. ރަތަފަންދޫ ސޯސަންގޭ ހަސަންފުތާ، 76، އާއި ބަންގްލަދޭޝްގެ މީހަކު މަރުވެފައިވާ ކަމަށް ބޯޓުގެ ކެޕްޓަން މައުލޫމާތު ދީފައިވާ ކަމަށް ވެސް އެމްއެންޑީއެފުން މިރޭ ބުންޏެވެ.
އެ ދެ މީހުން މަރުވެފައި ވީނަމަވެސް އެ ބޯޓުން ދަތުރު ކުރި އެހެން އެންމެން ޑިންގީގައި ތިއްބައި ލަންކާގެ މަސްބޯޓުން ވަނީ އެ މީހުން ސަލާމަތްކޮށް އެ ބޯޓަށް ނަގައިފަ އެވެ.
ހިތްވަރު ބޯޓުގެ ވެރިފަރާތް، ސ. މަރަދޫ ވެނީލާގޭ ޝަހުރުއްޒަމާނު ވާފިރު މިއަދު ބުނި ގޮތުގައި ބޯޓުން ދަތުރު ކުރި ދިވެހީންގެ ތެރޭގައި ހެމެނެނީ 11 އަހަރުގެ، ސ. ހިތަދޫ ކާފޫރުތޮޅިގޭ އަލީ އަމީޒު އާއި ބޯޓުގެ ކެޕްޓަން ހަމައެގޭ އަބްދުﷲ ނަސްރު، 22، އާއި އެ ރަށު ވައިލެޓްފެހި މުހައްމަދު ޝިހާމް ހަބީބު، 25، އާއި މަންޒިލްގޭ މުހައްމަދު ޝަހީމް، 24، އާއި މަރަދޫފޭދޫ ލަކްޝަނީވިލާ ހަސަން ހަލީލް، 42،ގެ އިތުރުން ގދ. ރަތަފަންދޫ ސޯސަންވިލާ، ހަސަން ފުތާ، 76، އެވެ. އަދި އޭނާ ބުނި ގޮތުގައި އެ ބޯޓުން ހަތަރު ބިދޭސީއަކު ދަތުރު ކުރި އެވެ. އެއީ ބަންގްލަދޭޝްގެ ރައްޔިތުން ކަމަށްވާ އަޒުކާރު އާއި ހަސަން އާއި އެމްޑީ ސަލީމްމިއާ އަދި ޝަހާބުއްދީން ކަމަށް ބޯޓުގެ ވެރިމީހާ ބުންޏެވެ.
މާލެ އިން ފުރައިގެން އައްޑުއަށް ދަތުރުކުރި ހިތްވަރު ބޯޓު ގެއްލިފައި ވަނީ ނޮވެމްބަރު 29 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
އެމްއެންޑީއެފުން ބުނީ ސަލާމަތްވި މީހުން ތިބީ ލަންކާގެ މަސްބޯޓުގައި ކަމަށާއި އެ ބޯޓު އޮތީ ގއ. ދާންދޫއާ ދިމާލު އިރުމަތިން ގާތްގަނޑަކަށް 290 މޭލު ބޭރުގައި ކަމަށެވެ. އަދި އެ ސަރަހައްދަށް ދިޔުމަށް ކޯސްޓްގާޑުން ރެއިން ފެށިގެން މަސައްކަތް ކުރި ނަމަވެސް އަދި އެ ދިމާލަށް ދެވިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފުން މިރޭ ބުންޏެވެ.