މެގަ މޯލްޑިވުސް ފުލައިޓްތަކުން ޑިއުޓީ ފުރީ ފިހާރައިގެ ހިދުމަތް ދޭންފަށައިފި އެވެ. މިއީ ރާއްޖޭގެ އިންޓަނޭޝަނަލް ދަތުރުތަށްކުރާ ފްލައިޓަކުން އެ ހިދުމަތްދޭން ފެށި ފުރަތަމަ ފަހަރެވެ.

ނަސަންދުރާ ހޮޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މެގަ މޯލްޑިވުސް ފްލައިޓްތަކުގައި ހުންނަ ޑިއުޓީ ފްރީ ފިހާރަތަކުން ލިބެންހުންނަ ތަކެތި ދައްކައިދޭ މެގަޒިންއެއް ވަނީ ނެރެފަ އެވެ. އެމެގަޒިން ނެރެދެއްވީ ޑިފެންސް މިނިސްޓަރު އަދި އެކްޓިން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ނާޒިމް އެވެ.

މެގަ މޯލްޑިވުސް އިން ބުނީ މެގަމޯލްޑިވްސް ފްލައިޓްތަކުގައި ތައާރަފްކުރި ޑިއުޓީ ފުރީ ފިހާރަތަކުން 107 ޕްރޮޑެކްޓެއް ލިބޭނެ ކަމަށާއި އޭގެތެރޭގައި ރާއްޖޭގެ ސަގާފީ ތަކެއްޗާއި ކޮސްމެޓިކްސް އާއި އަންހެނުންނާއި ފިރިހެނުންނަށް ބޭނުންވާ ސާމާނުގެ އިތުރުން ކުޑަކުދިންގެ ސާމާނާއި އިލެކްޓްރޯނިކްސް ސަމާނާއި ޓްރެވަލް އެކްސެސަރީޒް ހިމެނޭ ކަމަށެވެ.

އަދި ބުނީ އެޑިއުޓީ ފްރީ ފިހާރައިން މިހާރު "ޝޮޕް އެންޑް ވިން" ނަމުގައި ޕްރޮމޯޝަންއެއް ފަށާފައިވާ ކަމަށާއި އެޕްރޮމޯޝަނުން 300 ޑޮލަރުގެ ވިޔަފާރިކޮށްގެން ލަކީ ޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އަދި އެލަކީޑްރޯ އަންނަ ޖެނުއަރީމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު އެލަކީ ޑްރޯއިން ގުރުއަތުން ހޮވޭފަރާތަކަށް މެގަ މޯލްޑިވްސްގެ ދެކޮޅު ޓިކެޓާއި ސަން އައިލެންޑް ރިސޯޓްގައި ފަސް ދުވަހުގެ އެކޮމެޑޭޝަން ލިބޭނެ ކަމަށެވެ.

މެގަ މޯލްޑިވްސްއިން ޑިއުޓީ ފުރީ ފިހާރައިގެ ހިދުމަތް ފަށާފައިވާއިރު އެކުންފުއްޏަކީ 2010 ވަނަ އަހަރުން ފެށިގެން ރާއްޖެގައި އިންޓަނޭޝަނަލް އެއާލައިންގެ ހިދުމަތް ދެމުންދާ އެއާލައިނެކެވެ. އަދި އެ އެއާލައިނުން ތިން ފްލައިޓް އޮޕަރޭޓް ކުރަމުން އަންނައިރު އެއެއާލައިނުންދަނީ ހޮންކޮންގް އާއި ޝަންހާއީގެ އިތުރުން ބެއިޖިންއާއި ޗައިނާގެ މަންޒިލްތަކަށް ދަތުރުތަށް ކުރަމުންނެވެ.