09 Dec 2012, 22:05
އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށް ސާބިތުވި މީހަކު 10 އަހަރަށް ޖަލަށް ލުމަށް ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.
ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އޮފިޝަލަކު މިރޭ ވިދާޅުވީ އެ މައްސަލައިގައި 10 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ ގއ. ދާންދޫ ހެޕިނަސް ރިޝްވާން އަބްދުﷲގެ މައްޗަށް ކަމަށާއި އޭނާގެ މައްޗަށް ހުކުމް ކުރީ މިދިޔަ ބުދަ ދުވަހު ކަމަށެވެ.
ދާންދޫ ކޯޓުގެ އޮފިޝަލް ވިދާޅުވީ 2010 ވަނަ އަހަރު ހިނގި އެ ހާދިސާއާ ގުޅިގެން ދައުލަތުން ރިޝްވާންގެ މައްޗަށް ކުރި، ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ސާބިތުވެފައި ވަނީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުންނާއި ޝަރީއަތަށް ހުށަހެޅުނު ލިޔުންތަކުން ކަމަށެވެ.
އޭނާގެ މައްޗަށް ހުކުމްކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުން އަމަލުކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ނ)ގެ ދަށުން ނެވެ.
އެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ)ގައި ބުނަނީ ޖިންސީ ނިޔަތެއް އޮވެގެން މީހަކު ކުޑަކުއްޖެއްގެ ހަށިގަނޑުގައި ގަސްތުގައި އަތްލައިފި ނަމަ އެކުރަނީ ކުށެއް ކަމަށެވެ.
އެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ނ)ގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 10 އަހަރާއި 14 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށެވެ.
މިއީ މިހާތަނަށް އެ ކޯޓަށް ހުށަހެޅުނު މިބާވަތުގެ ފުރަތަމަ މައްސަލަ ކަމަށް ވެސް ދާންދޫ ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.