09 Dec 2012, 22:00
އިންސާނިއްޔަތަށް ޚިދުމަތް ކުރެއްވުމުގެ ރޮނގުން ދުނިޔެއަށް މަޝްހޫރު ބޭފުޅެއް ކަމަށްވާ އިންޑިއާގެ ސްރީސްރީ ރަވީ ޝަންކަރުގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙަންމަދު ވަޙީދު ހަސަން މަނިކާއި އެ މަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ޙުސައިން ޙަފްލާއެއް ބާއްވަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ރޭ މުލީއާގޭގައި ބޭއްވެވި އެ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވި ކަމަށާއި ރަވީ ޝަންކަރަކީ މުޅި އިންސާނިއްޔަތަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށާއި މުޅި އިންޑިއާގައި ވެސް އޭނާއަކީ އެ ރޮނގުން ވަރަށް ފާހަގަކުރެވޭ ޝަޚްޞިއްޔަތެއް ކަމަށް ރައީސް ވިދާޅުވި ކަމަށެވެ.
އަދި އެންމެން އެއްބައިވެ، އެއް ރޫޙެއްގައި އެކުވެރިކަމާ އެކު މަސައްކަތް ކުރެއްވުމުގެ މައްޗަށް ބާރުއަޅުއްވައި ރަވީ ޝަންކަރު ކުރައްވަމުން ގެންދަވާ ޚިދުމަތްތައް ރައީސުލްޖުމްހޫރިއްޔާ ޝުކުރުވެރިކަމާ އެކު ފާހަގަކުރައްވާ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ.
އެ ރޮނގުން ވާހަކަފުޅު ދައްކަވަމުން އެންމެން އެއްބައިވެ އެކުވެރިކަމުގެ ރޫޙެއްގައި ރާއްޖޭގައި ވެސް މިއަދު މަސައްކަތް ކުރަން ޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށެވެ.
ރަވީ ޝަންކަރު އިންސާނިއްޔަތަށް ކުރައްވާފައިވާ އަގު ހުރި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި އޭނާ އަށް ރައީސުލްޖުމްހޫރިއްޔާ، އެ ޙަފްލާގައި ހަނދާނީ ފިލައެއް އެރުވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އާޓް އޮފް ލިވިންގްގެ ނަމުގައި އިންޑިއާގައި އުފައްދާފައިވާ ޖަމްޢިއްޔާގެ ބާނީއަކީ ވެސް ރަވީ ޝަންކަރެވެ. އެ ޖަމްޢިއްޔާއިން ވެސް މިވޭތުވެދިޔަ ތާނގައި އިންސާނިއްޔަތަށް ޚިދްމަތް ކުރުމުގެ ރޮނގުން ދުނިޔޭގެ 150 އަށް ވުރެ ގިނަ ގައުމުގައި ފުޅާ ދާއިރާއެއްގައި ތަފާތު ޙަރަކާތްތައް ވަނީ ހިންގައިފަ އެވެ.
ރޭގެ އެ ޙަފްލާގައި އިންޑިއާގެ ކުރީގެ މަޝްހޫރު ފިލްމީތަރި ވިނޯދުކަންނާ އާއި އޭނާގެ ޢާއިލާ ވެސް ބައިވެރިވެވަޑައިގަތް ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ރާއްޖޭގައި ތިއްބަވާ އިންޑިޔާގެ ހައިކޮމިޝަންގެ ބޭފުޅުންނާއި ވިޔަފާރިވެރިން ބައިވެރިވެވަޑައިގެންފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.