ސްރީލަންކާގެ ނާވަލަޕިޓިޔާ ޖަޔަތިލަކަ ސްޓޭޑިއަމް ގައި މިއަދު ކުޅެވުނު ފައިނަލް މެޗުގައި ޕާކިސްތާނުގެ 23 އަހަރުން ދަށުގެ ގައުމީ ޓީމު ދޭއް އެކަކުން ބަލިކޮށް މަހިންދަ ރާޖަޕަކްސާ އިންޓަނޭޝަނަލް ފުޓްބޯޅަ ޓޯނަމަންޓު 2012 ގެ ޗެމްޕިއަންކަން ދިވެހިރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމު ހޯދައިފި އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޕާކިސްތާނުން ލަނޑު ޖަހާނޭ ގިނަ ފުރުސަތު ތަކެއް ހޯދިނަމަވެސް ޕަކިސްތާނު ޓީމަށް ވަނީ މެޗުގެ ނަތީޖާ ބަދަލު ކޮށް ނުލެވިފަ އެވެ. ހާއްސަކޮށް މެޗުގެ 26 ވަނަ މިނިޓުގައި ރާއްޖޭގެ ޑިފެންޑަރެއް އަތުން ދޫވި ބޯޅަ ހުސްކޮށް ޕާކިސްތާނުގެ ކެޕްޓަނަށް ލިބުމުން ފޮނުވާލި ބޯޅަ ގޮސް ޖެހުނީ ގޯލުގެ ހުރަސް ދަނޑީގަ އެވެ. އަދި 41 ވަނަ މިނިޓުގައި އެޓީމުގެ 21 ނަމްބަރު ރާއްޖޭގެ އޭރިޔާ ތެރެއަށް ހުރަސް ކޮށްލި ބޯޅަ އެޓިމުގެ ކުޅުންތެރިޔަކު ބޮލުން ގޯލާ ދިމާއަށް ފޮނުވާލި ނަމަވެސް ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް ރާއްޖެ ޓީމުގެ އަހްމަދު އިމާޒު (އާއްކޮ) ޕާކިސްތާނުގެ ޕެނަލްޓީ އޭރިޔާ ބޭރުން ނެގި ނުރައްކާތެރި ހުރަސް ދިޔައީ ކީޕަރު އަތުގައި ޖެހިފައި ބޭރަށެވެ.

މެޗްގެ ދެވަނަ ހާފު ފެށިގެން ވެސް ގިނަވަގުތު ބޯޅަ ގެންގުޅުނީ ޕާކިސްތާނު ކުޅުން ތެރިން ނެވެ. އެހެންނަމަވެސް 56 ވަނަ މިނެޓްގައި ޕާކިސްތާނުގެ ޕެނަލްޓީ އޭރިޔާ ބޭރުން ރާއްޖެއަށް ލިބުނު ހިލޭޖެހުމަކުން މަރުތަޅު މުގުރާލާ ނަތީޖާ އެކެއް ސުމަކަށް ބަދަލު ކޮށްލީ ރިލްވާން ވަހީދު (ރިލޭ) އެވެ.

ރާއްޖެ ލަނޑު ޖެހިތާ ފަސްމިނިޓު ފަހުން ރިލޭ ވަރަށް ރީތި ޕާހަކުން ރާއްޖޭގެ ދެވަނަ ލަނޑު ކާމިޔާބު ކުރީ އަސަދުﷲ ޢަބްދުﷲ އެވެ.

އަސަދުﷲ ގެ ލަނޑާ އެކު ރާއްޖޭގެ ކުޅުން ވަރުގަދަ ވެގެން ދިޔަ މަންޒަރު ފެނުނެވެ. އެހެން ނަމަވެސް ޕިޒިކަލީ ވަރުގަދަ ކުޅުމެއް ކުޅެމުން ދިޔަ ޕާކިސްތާނު ކުޅުންތެރިން އިތުރު ހަމަލާ ތަކެއް އުފެއްދޭތޯ މެދުނުކެޑި ކުރަމުން ދިޔަ މަސައްކަތުގެ ނަތީޖާ އަކަށްވީ، ރާއްޖޭގެ އޭރިޔާތެރެއިން ބޯޅަ ނެރެން އުޅުމުގެ ތެރޭގައި އާއްކޮ ގެ އަތުގައި ބޯޅަ ޖެހުމުން ޕާކިސްތާނަށް ޕެނަލްޓީ އެއް ލިބުމެވެ. ޕާކިސްތާނުން ޖެހި ޕެނަލްޓީ ރާއްޖޭގެ ގޯލްކީޕަރު ދިފާއުކޮށް ބޭރަށް ފޮނުވާލި ނަމަވެސް ޕާކިސްތާނު ކުޅުންތެރިން ދެވަނަ ފަހަރަށް ގޯލާ ދިމާއަށް ފޮނުވާލި ބޯޅަ ރާއްޖޭގެ ޓީމުގެ ކުޅުންތެރިޔަކު ސާފުކޮށްލަން އުޅެނިކޮށް ވަނީ ގޯލްގެ ތެރެ އަށެވެ.

މިމެޗުގައި ދެން އިތުރަށް ފެނިގެން ދިޔައީ ރެފްރީ އިތުރުވަގުތުގެ ހަތްމިނިޓު ދެއްކުމަށް ފަހު ހަތް މިނިޓު ހަމަވުމުންވެސް އިތުރަށް ފަސް މިނިޓު ކުޅުވި ތަނެވެ. އެހެން ނަމަވެސް މެޗު ނިމުނީ ދެލަނޑު އެއް ލަނޑުން ދިވެހި ޓީމު ޕާކިސްތާނު ޓީމުގެ މައްޗަށް ކުރި ހޯދައި ރަންމެޑަލް ހާސިލް ކޮށް ގެންނެވެ.

މުބާރާތުގެ ޓްރޮފީއާއި އެކު ރާއްޖޭގެ ޓީމަށް ވަނީ އިނާމުގެ ގޮތުގައި 15000 ޑޮލަރު ލިބިފަ އެވެ. އަދި މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި މުބާރާތް އިންތިޒާމު ކުރި ފަރާތުން އިއުލާނު ކުރި ގޮތުގައި މަހިންދަ ރާޖަޕަކްސާ އިންޓަނޭޝަނަލް ފުޓްބޯޅަ ޓޯނަމަންޓު އަންނަ އަހަރު ބާއްވާނީ ރާއްޖޭގަ އެވެ.

މަހިންދަ ރާޖަޕަކްސަ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތަކީ، ލަންކާގެ ކުޅިވަރާ ބެހޭ މިނިސްޓްރީ އާއި އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންއާ ގުޅިގެން އަހަރަކު އެއް ފަހަރު ބާއްވަން ހަމަޖައްސާފައިވާ މުބާރާތެ ކެވެ. މި މުބާރާތުގައި މިއަހަރު ބައިވެރިވީ ރާއްޖޭގެ އިތުރުން މުބާރާތް ބާއްވާ ޝްރީލަންކާގެ 23 އަހަރު ދަށުގެ ގައުމީ ޓީމާއި، ފާކިސްތާން އަދި ބަންގުލާދޭޝްގެ 23 އަހަރުން ދަށުގެ ގައުމީ ޓީމެވެ.