ގެއްލިގެން އުޅޭ ހިތްވަރު ބޯޓުން ސަލާމަތްކޮށް، ސްރީލަންކާގެ މަސްބޯޓަކަށް ނަގާފައި ވަނީ ފަސް ދިވެހިން ކަމަށާއި އަނެއް ތިން މީހުންނަކީ ބަންގްލަދޭޝް މީހުން ކަމަށް ސްރީލަންކާގެ ކަނޑުގެ ސިފައިން ބުނެފި އެވެ.

ސްރީލަންކާގެ ކަނޑުގެ ސިފައިންގެ ލެފްޓިނެންޓް ކޮމާންޑަ އިދަނަގޭ ވިދާޅުވީ އެ އަށް މީހުން
އަދިވެސް ތިބީ މަސްބޯޓްގައި ކަމަށެވެ.

ސްރީލަންކާގެ ލަކީޝާ ނަމަކަށް ކިޔާ މަސްބޯޓަކަށް ނަގާފައި ވަނީ އަބްދުﷲ ނަސްރު އާއި މުހައްމަދު ޝަހީމު އާއި އަލީ އަމީޒާއި ހަސަން ހަލީލާއި ޝިޔާމު ހަމީދުގެ އިތުރުން ބަންގުލަދޭޝުގެ ތިން ރައްޔިތުން ކަމަށްވާ އަކުބަރާއި ސަލީމު އާއި ހަސަން ކަމަށް ވެސް ސްރީލަންކާ ސިފައިން ބުންޏެވެ.

ހިތްވަރު ބޯޓުގެ ވެރިފަރާތް، ސ. މަރަދޫ ވެނީލާގޭ ޝަހުރުއްޒަމާނު ވާފިރު މިއަދު ބުނި ގޮތުގައި ބޯޓުން ދަތުރު ކުރި ދިވެހީންގެ ތެރޭގައި ހެމެނެނީ 11 އަހަރުގެ ކުޑަކުއްޖެއް ކަމަށްވާ، ސ. ހިތަދޫ ކާފޫރުތޮޅިގޭ އަލީ އަމީޒު އާއި ބޯޓުގެ ކެޕްޓަން ހަމައެގޭ އަބްދުﷲ ނަސްރު، 22، އާއި އެ ރަށު ވައިލެޓްފެހި މުހައްމަދު ޝިހާމް ހަބީބު، 25، އާއި މަންޒިލްގޭ މުހައްމަދު ޝަހީމް، 24، އާއި މަރަދޫފޭދޫ ލަކްޝަނީވިލާ ހަސަން ހަލީލް، 42،ގެ އިތުރުން ގދ. ރަތަފަންދޫ ސޯސަންވިލާ، ހަސަން ފުތާ، 68، އެވެ. އަދި އޭނާ ބުނި ގޮތުގައި އެ ބޯޓުން ހަތަރު ބިދޭސީއަކު ދަތުރު ކުރި އެވެ. އެއީ ބަންގްލަދޭޝްގެ ރައްޔިތުން ކަމަށްވާ އަޒުކާރު އާއި ހަސަން އާއި އެމްޑީ ސަލީމްމިއާ އަދި ޝަހާބުއްދީން ކަމަށް ބޯޓުގެ ވެރިމީހާ ބުންޏެވެ.

ދިވެހި ސިފައިން ކުރިން ބުނެފައި ވަނީ އެ ބޯޓުން ދަތުރުކުރީ 11 އަހަރުގެ ކުޑަ ކުއްޖަކާ އެކު 10 މީހުން ކަމަށެވެ. އޭގެ ތެރޭގައި ހަތް ދިވެހިންނާއި ތިން ބީދޭސީން ހިމެނޭ ކަމަށެވެ.

އެމްއެންޑީއެފްގެ ސްޕޯކްސް ޕާސަން ކާނަލް އަބްދުއްރަހީމް އަބްދުއްލަތީފް މިއަދު ވިދާޅުވީ ގއ. ދާންދޫއާ ދިމާލު އިރުމަތިން ގާތްގަނޑަކަށް 290 މޭލު ބޭރުން، ލަންކާގެ މަސްބޯޓަކަށް ރޭ ނެގި އަށް މީހުންނަކީ މީގެ ނުވަ ދުވަސް ކުރިން ގެއްލިގެން ހޯދަމުން ދިޔަ ހިތްވަރު ބޯޓުން ދަތުރު ކުރި މީހުން ކަމަށެވެ. އޭނާ ވިދާޅުވީ އެ ސަރަހައްދަށް ދިޔުމަށް ރޭ ފުރި ކޯސްޓްގާޑަށް އަދި ވެސް އެ ސަރަހައްދަށް ނުދެވޭ ކަމަށާއި އެކަމާ ބެހޭ މައުލޫމާތު ލިބެމުންދާ ވަރަކަށް މީޑިއާ އަށް ހިއްސާ ކުރައްވާނެ ކަމަށެވެ.

މާލެ އިން ފުރައިގެން އައްޑުއަށް ދަތުރުކުރި ހިތްވަރު ބޯޓު ގެއްލިފައި ވަނީ ނޮވެމްބަރު 29 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އެ ބޯޓު ގެއްލުނު ކަމުގެ ރިޕޯޓު ލިބުމުން ދިވެހި ސިފައިން ވަނީ އެމްއެންޑީއެފްގެ އުޅަދުތަކާ ގުޅިގެން އެ ބޯޓު ހޯދުމުގެ މަސައްކަތްކޮށްފަ އެވެ. ނަމަވެސް އެ މަސައްކަތުން ބޯޓު ފެންނަ ގޮތެއްނުވި އެވެ.