09 Dec 2012, 16:29
ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ޓިކެޓްގައި ވާދަކުރައްވައިގެން ކައުންސިލަރު ކަމަށް އިންތިހާބު ވެފައިވާ ގއ. އަތޮޅުގެ ކައުންސިލަރަކާއި އެ އަތޮޅު ގެމަނަފުށީ ކައުންސިލްގެ ފަސް މެންބަރުން އެ ޕާޓީން ވަކިވެޑައިގެންފި އެވެ.
ގއ. އަތޮޅު ކައުންސިލުގައި ހިމެނިވަޑައިގަންނަވާ ޑީއާރުޕީ ތިން ކައުންސިލަރުންގެ ތެރެއިން އެ ޕާޓީން މިއަދު ވަކި ވަޑައިގެންފައި ވަނީ ގއ. ގެމަނަފުށީ ދާއިރާގެ މެންބަރު އަބްދުއްސަލާމް މުހައްމަދު އެވެ.
ގެމަނަފުށީ ރަށު ކައުންސިލްގައި ހިމެނިވަޑައިގަންނަވާ އާސިމް މުހައްމަދާއި އަޖުވަދު މުހައްމަދާއި އަދި ފިޔާޒް ހަސަންގެ އިތުރުން މުހައްމަދު ހާޝިމް އާއި މުހައްމަދު ސާލިހް ޑީއާރުޕީން ވަކިވުމަށް ފޮނުއްވާފައިވާ ސިޓީގެ ކޮޕީއެއް ސަން އޮންލައިނަށް ވަނީ ލިބިފަ އެވެ.
އެ ހުރިހާ ކައުންސިލަރުން ސޮއި ކުރައްވައި ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީނު އަލީ އަށް މިއަދު ފޮނުއްވާފައިވާ ސިޓީގައި ބުނެފައި ވަނީ އެމްޑީޕީއާ އެކު ވެގެން ޑީއާރުޕީން ދިވެހިނަށް "ދޯކާ" ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެފައިވެ އެވެ. އަދި އެ އެޕާޓީން ވަކިވެ "ރައްޔިތުންގެ ވިންދާ ގުޅޭ ބަޔަކާ ގުޅުމަށް" ނިންމާފައިވާ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.
"އެހެންކަމުން ތިޔަ ޕާޓީއާއި އެމްޑީޕީއާ ގުޅިގެން ދިވެހި ރައްޔިތުނަށް ދުއްތުރާ ކުރުމަށް މަސައްކަތްކުރާ އެންމެހާ ފަރާތްތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. ދިވެހި ރައްޔިތުންގެ ލޭ ބޯ ބަޔަކާ ގުޅިގެން ތިޔަ ޕާޓީން މަސައްކަތް ފެއްޓުމާ އެކު އަޅުގަނޑުމެން މި ނިންމީ ތިޔަ ޕާޓީން ވަކިވެ ދިވެހި ރައްޔިތުންގެ ވިންދާ ގުޅޭ ބަޔަކާ އެކު މަސައްކަތް ކުރުމަށެވެ." ޑީއާރުޕީގެ ލީޑަރު ތަސްމީނަށް ފޮނުއްވާފައިވާ އެ ސިޓީގައި ބުނެފައިވެ އެވެ.
ކައުންސިލަރު ކަމަށް އިންތިޚާބުވާ އިރު އެމީހަކު ހުރި ޕާޓީ ފިޔަވައި އެހެން ޕާޓީއަކަށް ބަދަލުވި ނަމަވެސް ކައުންސިލަރުކަމުން ވަކި ނުވާނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެން ޑީއާރުޕީގެ ގިނަ ކައުންސިލަރުންތަކެއް ވަނީ ޑީއާރުޕީން ވަކިވެފަ އެވެ.