09 Dec 2012, 15:32
ސްރީލަންކާގެ މަސްބޯޓަކަށް ކަނޑުމަތިން ފެނުނު ދިވެހި އަށް މީހުންނަކީ ބަންޑުން ޖަހާލި ދިވެހި އުޅަދަކުން ކަނޑުވެފައި ތިބި ބައެއްކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެ ގައުމުގައި ހުންނަ ދިވެހި އެމްބަސީން ބުނެފި އެވެ.
ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ ޑިފެންސް އެޑްވައިޒަރު ސަން އޮންލައިނަށް މިއަދު ވިދާޅުވީ ރޭގައި ލަންކާގެ މަސްބޯޓަށް ދިވެހި އަށް މީހަކު ފެނިފައި ވަނީ ބަންޑުން ޖަހާލާފައި އޮތް ބޯޓުގެ ކައިރީގައި ތިއްބައި ކަމަށާއި އެ އަށް މީހުން ވެސް ސަލާމަތްތެރިކަމާ އެކު ލަންކާގެ މަސްބޯޓުގައި ތިބި ކަމަށެވެ.
"ބަންޑުންޖަހާލާފައި އޮއްވައި ފެނުނީ އެ ބޯޓު ސްރީލަންކާގެ މަސްވެރި އުޅަނދަކަށް. މަސްވެރިކަންކުރާ ރާއްޖޭގެ އުޅަނދެއްކަމަށް އެމީހުންނަށް ލަފާކުރެވެނީ. އޭގެ ކައިރީގައި އަށް މީހުން ތިބި އެމީހުން ފެނިގެން ނަގާފައި ތިބިކަމަށް މައުލޫމާތު ލިބިފައި ވަނީ. ދެން އެމީހުންގެ ބެލުމުގެ ދަށުގައި އެމީހުން [އެ އަށް މީހުން] ސަލާމަތްތެރިކަމާ އެކު ތިބި ކަމަށް މައުލޫމާތު ލިބިފައި ވަނީ. އެމީހުން ގެންގޮސް ދިނުމުގެ ކަންތައް ކޮށްދިނުމަށް ރާއްޖެ އަށް ރިކްއެސްޓްކޮށްފައި ވަނީ،" ޑިފެންސް އެޑްވައިޒަރު ވިދާޅުވި އެވެ. ނަމަވެސް އެއީ "ހިތްވަރު ބޯޓު"ކަން އެނގިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސިފައިން ކުރިން ބުނެފައި ވަނީ އެ ބޯޓުން ދަތުރުކުރީ 11 އަހަރުގެ ކުޑަ ކުއްޖަކާ އެކު 10 މީހުން ކަމަށެވެ. އޭގެ ތެރޭގައި ހަތް ދިވެހިންނާއި ތިން ބީދޭސީން ހިމެނޭ ކަމަށެވެ. އެ ބޯޓުން ދަތުރުކުރި ބަޔަކު ލަންކާގެ މަސްބޯޓަށް ނެގި އިރު މަދުވާ ދެ މީހުންނަކީ ކޮން ބައެއް ކަމެއް އަދި އެއީ ކޮން ގައުމެއްގެ ބައެއް ކަމެއް ނޭނގެ އެވެ.
އެމްއެންޑީއެފްގެ ސްޕޯކްސް ޕާސަން ކާނަލް އަބްދުއްރަހީމް އަބްދުއްލަތީފް މިއަދު ވިދާޅުވީ ގއ. ދާންދޫއާ ދިމާލު އިރުމަތިން ގާތްގަނޑަކަށް 290 މޭލު ބޭރުން، ލަންކާގެ މަސްބޯޓަކަށް ރޭ ނެގި އަށް މީހުންނަކީ މީގެ ނުވަ ދުވަސް ކުރިން ގެއްލިގެން ހޯދަމުން ދިޔަ ހިތްވަރު ބޯޓުން ދަތުރު ކުރި މީހުން ކަމަށެވެ. އޭނާ ވިދާޅުވީ އެ ސަރަހައްދަށް ދިޔުމަށް ރޭ ފުރި ކޯސްޓްގާޑަށް އަދި ވެސް އެ ސަރަހައްދަށް ނުދެވޭ ކަމަށާއި އެކަމާ ބެހޭ މައުލޫމާތު ލިބެމުންދާ ވަރަކަށް މީޑިއާ އަށް ހިއްސާ ކުރައްވާނެ ކަމަށެވެ.
މާލެ އިން ފުރައިގެން އައްޑުއަށް ދަތުރުކުރި ހިތްވަރު ބޯޓު ގެއްލިފައި ވަނީ ނޮވެމްބަރު 29 ވަނަ ދުވަހުގެރޭގެ ވަގުތެއްގަ އެވެ. އެ ބޯޓު ގެއްލުނު ކަމުގެ ރިޕޯޓު ލިބުމުން ދިވެހި ސިފައިން ވަނީ އެމްއެންޑީއެފްގެ އުޅަދުތަކާ ގުޅިގެން އެ ބޯޓު ހޯދުމުގެ މަސައްކަތްކޮށްފަ އެވެ. ނަމަވެސް އެ މަސައްކަތުން ބޯޓު ފެންނަ ގޮތެއްނުވި އެވެ. ހިތްވަރު ބޯޓުން ދަތުރު ކޮށްފައި ވަނީ ހަތް ދިވެހި ފިރިހެނުންނާއި ދެ ބިދޭސީ ފިރިހެނެއް ކަމަށް ކޯސްޓްގާޑުން ވަނީ ބުނެފަ އެވެ.