09 Dec 2012, 15:18
ނޭޕާލަށް އުފަން، ބޮލީވުޑުގެ ފިލްމީ ތަރި މަނީޝާ ކޮއިރަލާއަށް ކެންސަރު ޖެހިގެން އުޅޭ ވާހަކަ މީޑިޔާގައި ފެތުރޭން ފެށިތާ ދުވަސްކޮޅެއް ފަހުން، އެކަމާ މެދު ފުރަތަމަ ފަހަރަށް މަނީޝާ ވާހަކަ ދައްކައިފިއެވެ. އުމުރުން 42 އަހަރުގެ ފިލްމީ ތަރި މަނީޝާ ބުދަ ދުވަހުގެ ރޭ ވަނީ އޭނާގެ ސިއްހީ ހާލަތާ މެދު ޓްވިޓަރ މެދުވެރިކޮށް ވާހަކަ ދައްކައިފަ އެވެ.
މަނީޝާގެ ޓްވިޓަރ ޕޯސްޓުގައި ލިޔެފައިވަނީ، "އެކުވެރީންނޭ. ތިޔަ އެކުވެރީންގެ ހެޔޮ އެދުންތަކަށް ޓަކައި ޝުކުރު އަދާ ކުރަން. އަހަރެން މިވަނީ ރަނގަޅު ތަނެއްގައި. ރަނގަޅު ބައެއްގެ އަތްމަތީގައި. ތިޔަ އެކުވެރީންގެ ދުއާ އާއި ލޯތްބާ އެކު އަހަރެން ރަނގަޅުވާނެ ކަމުގެ އުންމީދު އަހަންނަށް އެބަ އޮތް. ކެންސަރު ޖެހުނުކަން އެނގުމުން ބަސް ހުއްޓުނު. އެކަމަކު ހަޔާތަކީ މިކަހަލަ ހައިރާންކުރުވަނިވި ކަންކަމުން ފުރިގެންވާ އެއްޗެއްކަން ގަބޫލުކުރާން ޖެހޭ. މިކަހަލަ ކަމެއް ދިމާވުމުން ޖެހޭނީ ހިތްވަރުގަދަ ކަމާ އެކު ކުރިޔަށް ދާން. ކޮންމެ ގޮތަކަށް ވިޔަސް ވާނީ ރަނގަޅަށް. ތިޔަ އެކުވެރީންގެ ދުއާތަކަށް ޓަކައި އަހަރެންގެ ހިތުގެ އެންމެ ފުން މިނުން ދުއާ ކުރަން. ލޯތްބާ އެކު. މަނީޝާ ކޮއިރަލާ." މިހެންނެވެ.
ފޭސްބުކުގައި މަނީޝާ ކޮށްފައިވާ ޕޯސްޓުގައި ލިޔެފައިވަނީ، "އެކުވެރީންނޭ. އަހަރެން މި ލިޔުންކޮޅު މި ލިޔަނީ އެދުމެއްގެ ގޮތުގައި. ދެރަ ނުވޭ! އަހަރެންގެ އެންމެ ގާތް އެކުވެރީންނާއި އާއިލާގެ މީހުން ގާތުގައި ވެސް އަހަރެން ވަނީ މިހެން ބުނެފައި. މިއީ އަހަރެންގެ ހަޔާތުގެ ސަފްހާތަކުން ސަފްހާއެއް. އަހަރެން ރަނގަޅު. އަދި ކުރިޔަށް އޮތް ތާނގައި ވެސް ރަނގަޅު ވާނެ. ކޮންމެ ގޮތަކަށް ކަންތައް ވީ ކަމުގައި ވިޔަސް. މި ހަޔާތުގައި އަހަރެންނަށް ލިބުނު ލޯތްބާއި ހަދިޔާތަކާ މެދު އަހަރެން މިވަނީ ހިތްހަމަ ޖެހިފައި. ތިޔަ އެކުވެރީންގެ ދުއާތަކާއި ލޯބި ފަދަ އެތައް ނިއުމަތެއް އަހަންނަށް ވަނީ ލިބިފައި. އެހެންވީމާ ހަޔާތުގެ ހުރިހާ ކަމެއް ވެސް އުފަލާ އެކު ބަލައިގަންނަމާ ހިނގާ. ތިޔަ އެކުވެރީންގެ ދުއާތަކަށް ޓަކައި އަދިވެސް އެއް ފަހަރު ޝުކުރިއްޔާ. ލޯތްބާ އެކު. މަނީޝާ." މިހެންނެވެ.
މަނީޝާގެ ރަޙިމުގެ ކެންސަރަށް ފަރުވާ ހޯދުމުގެ ގޮތުން ކުރާން ޖެހޭ އޮޕަރޭޝަން ކުރާނީ އެމެރިކާގައި ކަމަށް މަނީޝާގެ އާއިލާއާ ހަވާލާދީ މީޑިޔާގައި ހާމަކޮށްފައިވެ އެވެ.