09 Dec 2012, 15:24
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދު ހަސަން މަނިކަކީ މަޝްވަރާގެ ރިވެތި އުސޫލުން މަސައްކަތް ކުރައްވާ ކަންކަން ތަންފީޒު ކުރެއްވުމުގައި ވަރަށް ގާބިލު ބޭފުޅެއް ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އާދަމް މަނިކު (ސަރަނގު) ވިދާޅު ވެއްޖެ އެވެ.
ސަން އޮންލައިނަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އާދަމް މަނިކު ވިދާޅުވީ ރައީސް ނަޝީދާއި ވަހީދުގެ ހުރި ތަފާތު އެންމެންނަށް ވެސް އެނގޭނެ ކަމަށާއި ވަހީދު މިހާތަނަށް ކުރައްވާފައި ހުރި މަސައްކަތްތަކަކީ އެއްގޮތެއްގައި ދެމިހުންނަވައިގެން ކުރައްވާފައި ހުރި މަސައްކަތްތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ ވަހީދަކީ މަޑުމައިތެރިކަމާއި ކެތްތެރިކަމާ އެކު މަސައްކަތް ކުރައްވައިގެން ރަނގަޅު ނަތީޖާތަކެއް ހޯއްދަވާފައި ހުންނެވި އިލްމީ ބޭފުޅެއް ކަމަށެވެ.
"ވަހީދަކީ ކަންކަން ތަންފީޒު ކުރުމުގައި ވަރަށް ގާބިލު ބޭފުޅެއް. ރައީސް ވަހީދު މިއަދާ ހަމައަށް ކުރައްވާފައި ހުރި މަސައްކަތްތަކަކީ ވެސް [ކޮންސިސްޓެންޓް]ކޮށް ވަކި ނަތީޖާއެއް ހޯއްދަވަން ކުރައްވާފައި ހުރި މަސައްކަތްތަކެއް. އަދި ނަތީޖާ ހޯއްދަވައި އެކަން ދައްކަވާފައި ހުންނެވި ބޭފުޅެއް. އެހާ ހަލަބޮލި ބޭފުޅެއް ނޫން. ކެތްތެރިކަމާ އެކު ކޮންމެ ކަމެއް ވެސް ކުރައްވާނީ،" މާލޭ ސިޓީ ކައުންސިލްގެ ވެސް މެންބަރު އާދަމް މަނިކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޯނީ ރިޕޯޓުގެ ކުރިން ރައީސް ވަހީދާ މުޚާތަބުކޮށް އެއްޗެތި ކިޔާފައި ވަނީ ތަފާތު ޚިޔާލުތަކެއްގައި ހުންނަވައިގެން ކަމަށާއި އެދަފަ ކަމަކުން މިދިޔަ 50 އަހަރުގެ ތެރޭގައި އެ ދެ ބޭފުޅުންގެ މެދުގައި އޮތް ޒަމާންވީ ރަހްމަތްތެރި ކަމަށް އެއްވެސް ހީނަރު ކަމެއް ނާންނާނެ ކަމަށެވެ.
"ރައީސް ވަހީދަކީ އިނގޭތޯ، ހީ ހޭޒް އަ ބިގް ހާޓް [ބޮޑު ހިތެއްްގެ ވެރިއެއް] އަޅުގަނޑު ސިޔާސީ ޕޯޑިއަމްތަކަށް އަރާފައި އެއްޗެއް ބުނުމަކުން މިދިޔަ 50 އަހަރުގެ ރައްޓެހިކަމެއް ނުކެނޑޭނެ. އަޅުގަނޑަށް ވަހީދު ފޮނުވި އެސްއެމްއެސްގައި ވެސް ވިދާޅުވެފައި އޮތީ [ޔޫ އާ މައި ބްރަދާ]އޭ. އަޅުގަނޑަކީ ވެސް އިންސާނެއް. އަޅުގަނޑަށް ވެސް ވާނެ ގޮތަކީ ތަފާތު ޚިޔާލުގައި ހުރެގެން ތަފާތު އެއްޗެތި ކިޔާނެ. ވަހީދު ވެސް ހަމަ އެގޮތަށް އެއްޗެތި ކިޔާނެ. ދެން އެކި މީހުންގެ ކޮންޓްރޯލް ހުންނާނީ އެކި ވަރަށް. އަޅުގަނޑަކީ ދޭތެރެ ދޭތެރެ އިން ކޮންޓްރޯލުން ނައްޓާލާ މީހެއް. އެއީ އެ ދުވަހުގެ ހާލަތު އޮތް ގޮތް،" އާދަމް މަނިކު ވިދާޅުވި އެވެ.
އާދަމް މަނިކު ވިދާޅުވީ 2008 ވަނަ އަހަރު ރައީސް ނަޝީދަށް ވެރިކަން ލިބިވަޑައިގަތީ ވެސް ވަހީދު ރަނިން މޭޓަކަށް އިޚްތިޔާރު ކުރެއްވުމުގެ ސަބަބުން ކަމަށެވެ. އަދި އޭނާ ވިދާޅުވީ އެ ވެރިކަން ހޯދަން ނަޝީދު ކުރެއްވި މަސައްކަތުގެ އެއްކޮޅުގައި ހުންނެވީ ވަހީދު ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ ވަހީދުގެ މަސައްކަތް ގަބޫލު ނުކުރެވޭ ގިނަ ބަޔަކު އެމްޑީޕީގެ އިސް ސަފުގައި އެބަތިބި ކަމަށާއި އެފަދަ މީހުންނަށް ކޮންމެ ކަމެއް ވެސް ފެންނަނީ ކަޅު ނުވަތަ ހުދުން ކަމަށެވެ.
"ރައީސް ނަޝީދުގެ ރަނިން މޭޓަކަށް ވަހީދު އެއްބަސްވެވެވަޑައިގަތީ، ދެން އޭގެ ނަތީޖާއެއް ނަޝީދަށް ވެރިކަން ކާމިޔާބު ކުރެއްވުނީ. ވަހީދު އެއްކޮޅުގައި ހުންނަވައިގެން ދެ މީހުން ކުރި މަސައްކަތުގެ ނަތީޖާ އެއީ. އެކަމަކު އެމްޑީޕީގެ އިސް ސަފުގައި އެބަތިބި ބަޔަކު، އެމީހުންނަކަށް އެކަމެއް ގަބޫލެއް ނުކުރެވޭ. އެމީހުންނަށް ކޮންމެ އެއްޗެއް ވެސް ފެންނަނީ ހުދު ކުލައިން، ނުވަތަ ކަޅު ކުލައިން،" އޭނާ ވިދާޅުވި އެވެ.
ސަރަނގު އާދަމް މަނިކަކީ ރައީސް ނަޝީދުއާ ވަރަށް ގާތްކޮށް މަސައްކަތް ކުރައްވައި މިހާރު ވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރެކެވެ. މާލޭ ސިޓީ ކައުންސިލަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރައްވައި ގޮނޑި ކާމިޔާބު ކުރައްވައިގެން ހުންނެވި އެމްޑީޕީ މެމްބަރެކެވެެ.