ވިއެޓްނާމާއި ޗައިނާގެ ކަނޑުގެ ސަރަހައްދީ ރޮނގުގެ މައްސަލައިގައި އެ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާ ގުޅިގެން ވިއެޓްނާމުގައި ޗައިނާއާ ދެކޮޅަށް މުޒާހަރާ ކުރަމުން އެބަ ގެންދެއެވެ. ވިއެޓްނާމުގެ އެންމެ ބޮޑު ޝަހަރު ކަމަށް ވާ ހޯޗީމިން ސިޓީ އާއި ވެރިރަށް ހަނޯއީގައި ކުރިޔަށް ދިޔަ މުޒާހަރާތައް އެ ގައުމުގެ ފުލުހުން ވަނީ ވަރަށް އަވަހަށް ރޫޅައިލައިފައެވެ. އެހެން ނަމަވެސް އެހެން ސަރަހައްދުތަކުގައި އަދިވެސް މުޒާހަރާތައް ކުރިޔަށް ދާ ކަމަށް ޚަބަރު ލިބެއެވެ.

ވިއެޓްނާމާއި ޗައިނާއާ ދެމެދުގެ ނުތަނަވަސްކަން މި ދުވަސްކޮޅު ބޮޑުވެގެން ދިޔައީ، ކަނޑުގެ ސަރަހައްދުން ތެޔޮ ހޯދާން ވިއެޓްނާމުން ކުރަމުން ދާ މަސައްކަތުގައި ބޭނުން ކުރާ ބޯޓުގެ ކޭބަލްތައް ޗައިނާއިން ބުރި ކުރަމުން ދާ ކަމަށް މިދިޔަ ނޮވެންބަރު މަހު ވިއެޓްނާމުން ތުހުމަތު ކުރުމާ ގުޅިގެންނެވެ. ހަމަ އެހެންމެ ދެކުނު ޗައިނާ ކަނޑުގައި ވިއެޓްނާމާއި ޗައިނާއާ ދެމެދު ހިޔާލު ތަފާތުވުން އުފެދިފައިވާ ސަރަހައްދު، ޗައިނާގެ ބައެއްގެ ގޮތުގައި ހިމަނައިގެން ކުރަހައިފައިވާ ޗާޓެއް ޗައިނާގެ އައު ޕާސްޕޯޓުގައި ހިމަނައިފައިވާތީ ވެސް ވިއެޓްނާމުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

އެހެން ގައުމުތަކުގެ މައްޗަށް ބާރު ދައްކާށާއި ސަރަހައްދު ބޮޑު ކުރާން ޗައިނާއިން މަސައްކަތް ކުރަމުން ގެންދާ ކަމަށް ބުނެ މިއަދުގެ ހެނދުނުން ފެށިގެން ކުރަމުން ގެންދާ މުޒާހަރާތަކުގައި ވިއެޓްނާމުގެ އާންމުންގެ ތެރެއިން އެތައް ސަތޭކަ ބަޔަކު ދަނީ ބައިވެރިވަމުންނެވެ.

ދެކުނު ޗައިނާ ކަނޑުގައި ހުރި ރަށްތަކުގެ މައްޗަށް ޗައިނާއިން އަތްގަދަކުރަމުންދާ ކަމަށް ބުނެ ވިއެޓްނާމުން ނުރުހުން ފާޅުކުރަމުން ދާއިރު، ޖަޕާނާއި ފިލިޕީންސުން ވެސް ވަނީ އެ ދެ ގައުމުގެ ސަރަހައްދަށް ވެސް ޗައިނާއިން އަތްގަދަކުރަމުން ގެންދާ ކަމަށް ތުހުމަތުކޮށްފައެވެ. އަދި މި ތުހުމަތުތަކުގެ ސަބަބުން ޗައިނާ އާއި ޖަޕާނުގެ ގުޅުން ވެސް މި ދުވަސްކޮޅު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

ޖަޕާނާއި ވިއެޓްނާމާއި ފިލިޕީންސުން ތުހުމަތު ކުރާ ގޮތުގައި ޗައިނާއަކީ މިނިވަން ގައުމުތަކުގެ ސިޔާދަތަށް އޮތް ބޮޑު ނުރައްކަލެކެވެ. އަދި ގަދަބާރުން ކަންކަން ކުރުމާއި ބައިނަލްއަގްވާމީ ގާނޫނުތަކަށް ބޯނުލެނބުމަކީ ޗައިނާގެ އާދައެއް ކަމަށް ވެސް މި ގައުމުތަކުން ތުހުމަތުކުރެއެވެ.