09 Dec 2012, 15:06
މިސްރުގެ ރައީސް މުހައްމަދު މުރުސީއަށް ހައްދެއް ނެތް ބާރުތައް ލިބޭ ގޮތަށް އޭނާ އޭނާ ނެރުއްވި ގަރާރު އުވާލައްވައިފި އެވެ.
މިސްރުގެ ސިޔާސީ ބައެއް ލީޑަރުންނާ އެކު މުރުސީ ބޭއްވެވި ބައްދަލުވުމަކާ ބެހޭ ގޮތުން ވާހަކަ ދެއްކެވުމަށް ވަގުތީ ގޮތުން ހަމަޖައްސާފައިވާ ތަރުޖަމާނެއް ކަމަށްވާ ސަލީމް އަލް އަވާ ވިދާޅުވި ކަމަށް އަލްޖަޒީރާ ބުނީ ގަރާރު އުވާލައްވާފައިވާ ކަމަށެވެ.
ނަމަވެސް މުރުސީގެ މުސްލިމް ބްރަދަހުޑް ޕާޓީން ޑްރާފްޓްކޮށްފައިވާ، އޭނާ އަށް ގިނަ ބާރުތަކެއް ލިބޭ ގޮތަށް އޮތް އެ ގައުމުގެ ގާނޫނު އަސާސީގެ މަސައްކަތް ހުއްޓާ ނުލާނެ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.
އެގޮތުން އެކަމަށް ނަގަން ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓް ކުރިން ވެސް ހަމަޖެހިފައިވާ ގޮތަށް މި މަހުގެ 15 ދުވަހު ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ގާނޫނު އަސާސީގެ ޑްރާފްޓަށް ރައްޔިތުން ނޫނެކޭ ބުނެވި ނަމަ ރައްޔިތުން އިންތިހާބުކޮށްފައިވާ ޕާލަމެންޓް މެމްބަރުން އަލުން ގާނޫނު އަސާސީ ޑްރާފްޓް ކުރާނެ ކަމަށެވެ.
އެ ގަރާރާއި ގާނޫނު އަސާސީގެ ޑްރާފްޓަކީ މިދިޔަ ދެ ހަފުތާގައި މިސްރުގައި ކުރި ވަރުގަދަ މުޒާހަރާތަކުގެ މައިގަނޑު ސަބަބެވެ.
މުރުސީގެ މި ނިންމެވުމަކީ އެއްވެސް މާނައެއް ނެތް ނިންމެވުމެއް ކަމަށް މިސްރުގެ އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފަ އެވެ.
"ގާނޫނު އަސާސީ [މިހާރު ޑްރާފްޓްކޮށްފައިވާ ގޮތަށް[ ފާސްކުރެވޭނެ ގޮތް ވަނީ ހަދާފައި، އެހެންވީމާ ގަރާރު އުވާލުމަކީ އެއްވެސް މާނައެއް ނެތް ކަމެއް،" މިސްރުގެ އިދިކޮޅު ޕާޓީއެއް ކަމަށްވާ ނެޝަނަލް ސެލްވޭޝަން ފްރޮންޓްގެ ސްޕޯކްސް ޕާސަން ޚާލިދު ދާއޫދު ވިދާޅުވި ކަމަށް އަލްޖަޒީރާ ބުންޏެވެ.