އއ. އަތޮޅުގެ ކައުންސިލް އިދާރާގެ ދިރާގު ފޯނު ބިލްތަކަށް ފައިސާ ނުދައްކައިގެން ފޯނު ހިދުމަތް މިއަދު މެދުކަނޑާލައިފި އެވެ.

އއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަލީ ސަމީރު މިއަދު ވިދާޅުވީ އެކައުންސިލް އިދާރާ އިން ދިރާގު ބިލްތައް ނުދައްކާތާ ތިން މަސް ދުވަސްވުމާ އެކު މިއަދުން ފެށިގެން ދިރާގު ފޯނު ލައިނާއި ފެކްސް ލައިން ކަނޑާލާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އަތޮޅު ކައުންސިލަށް ބިލްތައް ނުދެއްކިފައި ވަނީ އެ ފައިސާ ފިނޭސް މިނިސްޓްރީ އިން އެ ކައުންސިލަށް ދޫކޮށްފައި ނުވާތީ ކަމަށެވެ. އަދި އޭނާ ވިދާޅުވީ ދިރާގަކީ ސަރުކާރު ހިއްސާވާ ކުންފުންޏަކަށްވެ، ތިން މަސްވެގެންދާ އިރު ކައުންސިލުން ދެމުންދާ ހިދުމަތްތަކަށް ބުރޫއަރާ ފަދަކަމެއް ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"ތިން މަސް ދުވަހުގެ ބިލްތައް ނުދައްކައިގެން މިއަދު ވަނީ ކައުންސިލްގެ ދިރާގް ލައިން މެދުކަނޑާލައި. ދިރަގަކީ ސަރުކާރު ހިއްސާވާ ކުންފުންޏަކަށްވާ އިރު ބިލްތައް ނުދެއްކިގެން ފޯނުލައިން ކަނޑާލަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ސަމީރު ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. އެހެން ނަމަވެސް ދައުލަތުން ކުރާ ބައެއް ހަރަދުތައް މުޅިންހެން ހުއްޓާލުމަށް ފިނޭންސް މިނިސްޓްރީ އިން ދައުލަތުގެ ހުރިހާ އޮފީހަކަށް މިދިޔަ ހަފްތާގައި ވަނީ އަންގައިފަ އެވެ.