09 Dec 2012, 14:26
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިހާރު ކުރިއަށް ގެންދާ 32 ވަނަ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޒަންގައި އިއްޔެ ހަވީރު ޓީ-ރެކްސްގެ މައްޗަށް ގޫޑީސް ކާމިޔާބު ހޯދި އިރު އަށް ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފިރިހެން ޑިވިޒަންގައި ރޭ ޓީ-ރެކްސްގެ މައްޗަށް ރެޑް ލައިން ކުލަބު ކާމިޔާބު ހޯދައިފި އެވެ.
އިއްޔެ ހަވީރު ޓީ-ރެކްސް އާ ވާދަކޮށް ގޫޑީސް މެޗު ކާމިޔާބު ކޮށްފައި ވަނީ 64 ޕޮއިންޓު 44 ޕޮއިންޓްގެ ނަތީޖާ އަކުން ނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ގޫޑީސް އަށް އެންމެ ގިނަ ޕޮއިންޓު "30 ޕޮއިންޓު" ހޯދައި ދިން ފާތިމަތު ރިޝްމާ އެވެ. ޓީ-ރެކްސް އަށް އެންމެ ގިނަ ޕޮއިންޓު ހޯދައި ދިނީ އެ ޓީމަށް 26 ޕޮއިންޓް ހޯދައި ދިން އާމިނަތު ޝިއުރާ އެވެ.
އަށް ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފިރިހެން ޑިވިޒަންގައި ރޭ ކުޅުނު ފޯރިގަދަ މެޗު ޓީ-ރެކްސްއާ ވާދަކޮށް 90 ޕޮއިންޓު 87 ޕޮއިންޓުން ކާމިޔާބު ކުރީ ރެޑް ލައިން ކުލަބެވެ. މެޗުގައި ރެޑް ލައިން ކުލަބަށް އެންމެ ގިނަ ޕޮއިންޓް ނަގައި ދިނީ 20 ޕޮއިންޓު ހޯދި އަޑެބަޔޯ އަލަބާ އެވެ. އަދި ޓީ-ރެކްސް އަށް އެންމެ ގިނަ ޕޮއިންޓް ހޯދައި ދިނީ 28 ޕޮއިންޓް އެ ޓީމަށް ހޯދައި ދިން އަހްމަދު ހަލީމް އެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ރެޑް ލައިން ކުލަބަށް 14 ޕޮއިންޓު ހޯދައި ދިން އަދި މުޅި މެޗުގައި ވެސް ފާހަގަ ކޮށްލެވޭ ކުޅުމެއް ދެއްކި އަލީ ފަޒްލީ އެވެ.
ގައުމީ ބާސްކެޓްބޯޅަ ލީގުގައި މިރޭ ކުޅެން ހަމަޖެހިފައިވާ މެޗުގައި ބައްދަލު ކުރާނީ ކުލަބް އީގަލްސް އާއި ޕޮލިސް ކުލަބެވެ. މެޗު ފަށާނީ ރޭގަނޑު ނުވައެއް ޖަހާ އިރު އެވެ.