ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލަށް ލައިފި ނަމަ މެޓާ އިން ކަރުދާސް ވަކިކުރާހާ ފެސޭހަކަމާ އެކު ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރު ވައްޓާލާނެ ކަމަށް ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އިން ރޭ ހއ. ހޯރަފުށީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ މިހާރު މިއޮތް ސަރުކާރަކީ "ބަޣާވާތަކުން" ވެރިކަމަށް އައިސްފައިވާ ސަރުކާރެއް ކަމަށާއި ސަރުކާރު ވައްޓާލުމަކީ އެއްވެސް ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑު ޖަލަށް ފޮނުވާލައިފި ނަމަ މާފަސޭހަ އިން ސަރުކާރު ވައްޓާލާނަން. މެޓާ އިން ކަރުދާސް ވަކިކުރާހާ ފަސޭހައިން ސަރުކާރު ވައްޓާލާނަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ޖީއެމްއާރުގެ އަތުން އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް އަތުލި މައްސަލާ ގުޅޭ ގޮތުން ވެސް ނަޝީދު ވަނީ ރޭ ވާހަކަފުޅު ދައްކަވައިފަ އެވެ. ނަޝީދު ވިދާޅުވީ ޖީއެމްއާރްގެ އަތުން އެއާޕޯޓް ނެގި މަންޒަރަކީ ވަރަށް ހުތުރު މަންޒަރެއް ކަމަށާއި އަދި ދުނިޔޭގެ އެންމެ "ބޮޑު އެއް ބާރާ ކުޅުނީމާ އޭގެ ލޮޓި ލިބޭނެ" ކަމަށާއި "އެނބުރި ފަހަތުން އައިސް ޖަހާނެ" ކަމަށެވެ.