09 Dec 2012, 14:11
މަހިންދަ ރާޖަޕަކްސާ އިންޓަނޭޝަނަލް ފުޓްބޯލް ޓޯނަމެންޓް 2012 ގެ ފައިނަލް މެޗުގައި މިއަދު ޕާކިސްތާނުގެ ޓީމާ ބައްދަލުކުރާ ދިވެހިރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު މެޗު ކުޅުމަށް ފުރިހަމައަށް ތައްޔާރު ވެފައިވާ ކަމަށް ގައުމީ ޓީމުގެ މެނޭޖަރު އިބްރާހީމް އާމިރު (ސަލްސާ އާމިރު) ވިދާޅުވި އެވެ.
"އަޅުގަނޑު މެންގެ ޓީމު މިހާރު މިވަނީ މިއަދުގެ މެޗަށް ފުރިހަމައަށް ތައްޔާރު ވެފައި. ﷲގެ އިރާދަ ފުޅުން ޓީމުގައި އެއްވެސް އަނިޔާގެ ބޮޑު މައްސަލައެއް ނެތް. ހުރިހާ ކުޅުންތެރިން ވެސް ތިބީ ވަރަށް ރަނަގަޅަށް ތައްޔާރު ވެގެން،" ސަން އޮންލައިން އަށް މައުލޫމާތު ދެމުން އާމިރު މިއަދު ވިދާޅުވި އެވެ.
މިއަދު ގެ މެޗާ ބެހޭ ބެހޭގޮތުން އާމިރު އިތުރަށް ވިދާޅުވީ މިއަދުގެ މެޗުން މޮޅުވާނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބަ އޮތް ކަމަށާއި އަދި ކޯޗުވެސް ބުނެފަ ވަނީ ޕާކިސްތާނުގެ ކުޅުންތެރިން ފިޒިކަލީ ކިތަންމެ ވަރުގަދަޔަސް، ދިވެހި ކުޅުންތެރިންގެ ހުނަރު މާރަނގަޅު ކަމަށެވެ. އަދި ވިދާޅުވީ "ކުޅުން ތެރިންގެ ހުނަރު ބޭނުން ކޮށްގެން މިއަދުގެ މެޗް ކާމިޔާބު ކުރެވޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއްގައި ތިބި،" ކަމަށެވެ.
ފައިނަލް މެޗު ކުޅޭ ސަރަހައްދަށް މިއަދު މޫސުން އެހާ ރަނގަޅު ނޫން ކަމަށްވެސް މެނޭޖަރު ވިދާޅުވި އެވެ. "މޫސުން އެހާ ރަނގަޅެއް ނޫން. މިވަގުތުވެސް އުޑުމަތި އޮތީ ވަރަށް ބަނަކޮށް. އެކަމަކު މުބާރާތް އޯގަނައިޒް ކުރާ ފަރާތުން މެޗު ނުކުޅޭނެ ކަމުގެ އެއްވެސް އިޝާރާތެއް ނެތް. އެހެންވީމާ ގަބޫލު ކުރެވެނީ މެޗު ކުޅޭނެކަމަށް،" އާމިރު ވިދާޅުވި އެވެ.
"ދެން މީގެ އިތުރުން އަޅުގަނޑު ދިވެހި އެންމެހާ ސަޕޯޓަރުންގެ ކިބައިން އެދެނީ، މެޗު ނިމެންދެން ވެސް ހުރިހާ ސަޕޯޓަރުން ޓީމް މޮޅުވޭތޯ ހެޔޮ ދުޢާ ކޮށްދިނުމާއި، އަދި މިއަދު މެޗު ބައްލަވަމުންދާ ގަޑީގައި ހުރިހާ ބޭފުޅުން ވެސް ރަތްކުލައިގެ ހެދުމެއް ނުވަތަ ޖާޒީއެއް ތުރު ކުރެއްވުން،" މެނޭޖަރު ވިދާޅުވި އެވެ.
މިއަދު ރާއްޖެއާއި ޕާކިސްތާނު ކުޅޭ ފައިނަލް މެޗު ފެށުމަށް ހަމަޖެހިފައި ވަނީ ރާއްޖޭ ގަޑިން 15:00 ގައެވެ.
މިއަދު ގެ މެޗުގައި ވެސް ރާއްޖޭގެ ޓީމުން މެޗްފަށާނެ ކަމަށް ބެލެވެނީ މުބާރާތުގެ އެންމެ ފުރަތަމަ ދުވަހު ލަންކާ ޓީމާ ދެކޮޅަށް ނެރުނު ފުރަތަމަ އެގާރައާ އެކު އެވެ.
ލަންކާ މެޗަށް އެރި ރާއްޖޭގެ ފުރަތަމަ އެގާރައިގަ ހިމެނެނީ: ކެޕްޓަން ހަސަން އަދުހަމް (ސަޑޭ)، ރިލްވާން ވަހީދު (ރިލޭ)، އަސަދުﷲ އަބްދުﷲ، އަހުމަދު އިމާޒް (އާއްކޮ)، މުހައްމަދު އިރުފާން، އަމްދާން އަލީ، މޫސާ ޔާމީން، ހަސަން ޝިފާޒް، ސަމްދޫހު މުހައްމަދު އަދި ނޫމާން އަހުމަދު ގެ އިތުރުން ގޯލްކީޕަރު ޖަޒްލާން މުހައްމަދު އެވެ.