ރާއްޖޭގެ ތަކެތީގެ އަގުތައް ބޮޑުވި މިންވަރު އޮކްޓޯބަރު މަހު 0.04 ޕަސެންޓަށް މައްޗަށް ޖެހި މިދިޔަ އަހަރު އޮކްޓޫބަރު މަހުން މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ރާއްޖޭގެ އިންފްލޭޝަން ރޭޓް 9.15 ޕަސެންޓް މަތިވެފައިވާ ކަމަށް ޕްލޭނިން ޑިޕާޓްމަންޓުން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ނޭޝަނަލް ޕްލޭނިން (ޑީއެންޕީ) އިން މިއަދު އާންމުކޮށްފައިވާ، އިންފްލޭޝަންގެ މިންގަނޑު ވަޒަންކުރާ ކޮންޒިއުމާ ޕްރައިޒް އިންޑެކްސް (ސީޕީއައި) އިން ދައްކާ ގޮތުން، މި އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާކިޔާ އިރު އޮކްޓޯބަރު މަހުގެ އިންފްލޭޝަން ރޭޓް ވަނީ 0.04 ޕަސެންޓަށް އުފުލިފަ އެވެ. ސެޕްޓެމްބަރު މަހު އިންފުލޭޝަން ހުރީ 0.02 ޕަސެންޓް ގަ އެވެ.

އެ ތަފާސްހިސާބްތަކުން ދައްކާ ގޮތުން އޮކްޓޫބަރު މަހުގެ ނިޔަލަށް ވޭތުވެ ދިޔަ 12 މަސް ދުވަހުގެ ތެރޭގައި އާންމު ކާބޯތަކެތީގެ ބައިން 17.90 ޕަސެންޓަށް ވަނީ އިންފްލޭޝަން އުފުލިފަ އެވެ. މިދިޔަ އޮކްޓޫބަރު މަހު އެކަނިވެސް އެބައިން ވަނީ 0.23 ޕަސެންޓް މައްޗަށް މައްޗަށް ގޮސްފަ އެވެ. އެގޮތުން އޮކްޓޫބަރު މަހު މައްޗަށް ގޮސްފައިވާ ބާވަތްތަކަށް ބަލާ އިރު ފިޔާގެ އިންފުލޭޝަން 6.25 ޕަސެންޓް މަތިވެފައިވާ އިރު ހިކިކިރުގެ ރޭޓް ވަނީ 0.93 ޕަސެންޓް މައްޗަށް ގޮސްފަ އެެވެ. އަދި ދަޅުމަހުގެ ރޭޓްވަނީ 0.61 ޕަސެންތް މައްޗަށް ގޮސްފައިވާ އިރު ފަރުމަހުގެ ރޭޓް ވަނީ 13 ޕަސެންޓް މައްޗަށް ޖެހިފަ އެވެ.

ދެން އަގު އެންމެ މައްޗަށް ދިޔަ މަހުގެ ބަޔަށް ބަލާ އިރު އެބައިން 92.52 ޕަސެންޓް ވަނީ ބޮޑުވެފަ އެވެ. އަދި ދުންފަތާއި ދުމުގެ ބައިގެ އިންފުލޭޝަން ވަނީ 45.28 ޕަސެންޓް މައްޗަށް ގޮސްފަ އެވެ.

މިއަހަރުގެ އޮކްޓޫބަރު މަހު ރާއްޖޭގެ އިންފުލޭޝަން ރޭޓް މައްޗަށް ދިއުމަށް އެންމެ ބޮޑު ހިއްސާކޮށްފައި ވަނީ ގޭގޭ ކުލީގެ ބައިންނާއި ފެން އަދި ކަރަންޓްގެ އިތުރުން ގޭސް އަދި ކަރަންޓްގެ ބައިންނެވެ.