ލޭ އަޅައި ދިނުމާއި ލޭ  ނެގުމުގައި ގެންގުޅޭ އުސޫލުތައް އާންމުކޮށްފި އެވެ.


މާލޭ ހެލްތު ކޯޕަރޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނަނީ އެ ކޯޕަރޭޝަންގެ ސެންޓަރުތަކުން  ލޭ އަޅައިދެނީ ކަނޑައެޅިފައިވާ ބްލަޑް ސޭފްޓީ ގައިޑްލައިންގެ މިންގަނޑަށް ފެތޭ ގޮތަށް ހަދާފައިވާ ނޭޝަނަލް ބްލަޑް ސޭފްޓީ ގައިޑްލައިނާ އެއް ގޮތަށް ކަމަށެވެ.


ނޫސް ބަޔާނުގައި ބުނެފައި ވަނީ ކޯޕަރޭޝަނުން ހިންގާ ސެންޓަރުތަކުން ލޭ އަޅައި ދިނުމުގެ ކުރީގައި ލޭ ޓްރާންސްފިއުޝަން ޓްރާންސްމިޓަޑް އިންފެކްޝަން (ޓީޓީއައި) ނުވަތަ ލޭގެ ޒަރީއާ އިން ޖެހޭ ބަލިތަކަށް ޓެސްޓު ކުރާ ކަމަށާއި ޓީޓީއައި ހުރިތޯ ބެލުމަށް ހަދަން ހަމަޖެހިފައިވާ ތަހުލީލަކީ ހެޕަޓައިޓީސް ބީ އާއި ހެޕަޓައިޓިސް ސީ އާއި އެޗްއައިވީ އަދި ވީޑީއާރްއެލް އެވެ.


ހެލްތު ކޯޕަރޭޝަންގެ ނޫސް ބަޔާނުގައި ބުނެފައި ވަނީ ޓްރާންސްފިއުޝަން ޓްރާންސްމިޓަޑް އިންފެކްޝަންގައި ހިމެނޭ ގިނަ ބަލިތަކަކީ ވިންޑޯ ޕީރިއެޑެއް އޮންނަ ބަލިތައް ކަމަށެވެ. އެހެން ކަމުން ލޭ އަޅަން ޖެހޭ ކޮންމެ ބަލި މީހަކަށް ވެސް ލޭގެ ޒަރީއާ އިން ޖެހޭ ބައްޔެއް  ޖެހުމުގެ ފުރުސަތު އޮންނަ ކަމަށެވެ.


މީގެ ދުވަސްކޮޅެއް ކުރިން ވަނީ ނޭޝަނަލް ތެލެސީމިޔާ ސެންޓަރުން ލޭ އެޅި ނުވަ އަހަރުގެ އަންހެން ކުއްޖަކު ހަޕަޓައިޓިސް ސީ އަށް ޕޮޒިޓިވް މައްސަލައެއް ފެންމަތިވެފަ އެވެ.


ހެޕަޓައިޓިސް ސީއަކީ ހެޕަޓައިޓިސް ވައިރަސްތަކުގެ ތެރެއިން އެންމެ ނުރައްކާތެރި ވައިރަހެވެ. މި ވައިރަސް ހަމަލާދެނީ މީހާގެ ލިވާއަށެވެ. ވައިރަސް ލިވާއަށް ހަމަލާދޭން ފެށުމުން ދާދި އަވަހަށް ލިވާ ހަލާކުކޮށްލަ އެވެ. އަދި ރީނދޫ ހުން ޖެހުމަށް ފަހު ކެންސަރަށް ބަދަލުވެ އެވެ. ލޭގެ ޒަރީއާ އިން އަރާ މި ވައިރަހުގެ ބަލި ގައިންގައިން އަރާ ކަމަށް ވެސް ވެ އެވެ. ހެޕަޓައިޓިސް ސީގެ ވައިރަހަށް އަދި ވެކްސިނެއް ހޯދިފައިނުވާއިރު މި ބައްޔަށް ދޭ ފަރުވާއަކީ ދުނިޔޭގައި ވަރަށް އަގު ބޮޑު ފަރުވާއެކެވެ.